ބޮލީވުޑާއި ހޮލީވުޑްގައިވެސް މަގުބޫލު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ކަނޑުފޭރޭ މީހެއްގެ ރޯލުން ފެނިގެންދާ އާ ފިލްމު ’ދަ ބްލަފް‘ ގެ ފުރަތަމަ ޕޯސްޓަރާއި ޓްރެއިލާ އާންމުކޮށްފިއެވެ.
ފްރޭންކް އީ ފްލާވާސް ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ތުރިލާގައި ޕްރިޔަންކާ ފެނިގެންދާނީ ވަރުގަދަ އެކްޝަން މަންޒަރުތަކަކާއެކުގައެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ކާލް އާބަން، އިސްމާއީލް ކްރޫޒް ކޯޑޯވާ، ސާފިއާ އޯކްލޯ ގްރީން، ޒެކް މޮރިސް އަދި ޑޭވިޑް ފީލްޑް ފަދަ ތަރިން ފެނިގެންދާނެއެވެ.
އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދޭ މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 ވަނަ ދުވަހުއެވެ.
ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނެރުނު ’އަ ވެރީ ޖޯނަސް ކްރިސްމޫވީ‘ ގެ ހާއްސަ ފެނިލުމަކުންނެވެ. އެއީ އޭނާގެ ފިރިމީހާ ނިކް ޖޯނަސްގެ އާއިލީ ބޭންޑް ’ޖޯނަސް ބްރަދާސް‘ އާ ގުޅިގެން ތައްޔާރުކުރި ކްރިސްމަސް މިއުޒިކަލް ކޮމެޑީއެކެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ޖުލައި މަހު އެމެޒޯން ޕްރައިމްއިން ރިލީޒްކުރި ’ހެޑްސް އޮފް ސްޓޭޓް‘ ގައިވެސް ޕްރިޔަންކާ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ. އެ ފިލްމުގައި އޭނާއާއެކު ފެނިގެންދިޔައީ މަޝްހޫރު ތަރިން ކަމަށްވާ އިޑްރިސް އެލްބާ އާއި ޖޯން ސީނާ އެވެ.
’ދަ ބްލަފް‘ ގެ ޓްރެއިލާ އާންމުވުމާއެކު، ޕްރިޔަންކާގެ ފޭނުން ތިބީ އޭނާގެ މި އާ ތަފާތު ރޯލު ބަލާލުމަށް ވަރަށް ބޮޑަށް އިންތިޒާރުގައެވެ.





