ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރްގެ އުންމީދީ އާ ފިލްމު ”އޯ، ރޯމިއޯ“ ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފި އެވެ. އަންނަ މަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ މި ފިލްމަކީ މި އަހަރު ނިކުންނާނެ އެންމެ ވަރުގަދަ އެކްޝަން ތުރިލާގެ ގޮތުގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމެކެވެ.
މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ އުފެއްދުމެކެވެ. ”އޯ، ރޯމިއޯ“ އަކީ ވިޝާލް އާއި ޝާހިދު އެކުގައި މަސައްކަތްކުރި ހަތަރު ވަނަ ފިލްމެވެ. މީގެ ކުރިން މި ދެ ފަންނާނުން ވަނީ ކާމިޔާބު ތިން ފިލްމެއް ކަމަށްވާ 2009 ގެ ”ކަމީނޭ“، 2014 ގެ ”ހައިދަރު“ އަދި 2017 ވަނަ އަހަރު ނިކުތް ”ރަންގޫން“ ގައި އެކީގައި މަސައްކަތްކޮށްފަ އެވެ.
މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ބޮލީވުޑްގެ ނަން މަޝްހޫރު ތަރިންތަކެއް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ޓްރިޕްތީ ދިމްރީ، ވިކްރާތު މަސީ، އަވިނާޝް ތިވާރީ، ޑިޝާ ޕަޓާނީ، ނާނާ ޕަޓޭކަރް، ތަމަންނާ ބާޓިއާ އަދި ތަޖުރިބާކާރު އެކްޓްރެސް ފަރީދާ ޖަލާލު ހިމެނެ އެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.
ޑައިރެކްޓަރު ވިޝާލް ބަރަދްވާޖަކީ ”މަގުބޫލް“، ”އޯމްކާރާ“ އަދި ”ސާތު ހޫނ މާފް“ ފަދަ ތަފާތު މޮޅު ފިލްމުތަކެއް އުފައްދާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ގެނެސްދީފައިވަނީ 2023 ވަނަ އަހަރު ރިލީޒްކުރި ސްޕައި ތުރިލާ ”ކޫފިޔާ“ އެވެ. ޝާހިދު ކަޕޫރާއި ވިޝާލްގެ މި ކާމިޔާބު ޖޯޑު އަލުން އެނބުރި އައުމަކީ ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ބޮޑު އުންމީދެއް ކުރާ ކަމެކެވެ.





