ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ކުޅުނު ހަތަރުވަނަ މެޗުވެސް ކާމިޔާބުކޮށް، ލީގު ތާވަލުގެ އެންމެ ކުރީގައި ލީޑު ފުޅާކޮށްފިއެވެ. ނޭޕާލާ ދެކޮޅަށް ކުޅުނު މި ފޯރިގަދަ މެޗު ދިވެހި ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މޮޅާއެކު ރާއްޖެ ވަނީ މުބާރާތުގެ ޗެމްޕިއަންކަމާ ގާތަށް ޖެހިލާފައެވެ. މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދިޔައީ ދިވެހި ޓީމުންނެވެ. ފުރަތަމަ ހާފުގައި ގޯލެއް ފެނިގެންނުދިޔަ ނަމަވެސް، ދިވެހި ޓީމުން ވަނީ ނުރައްކާތެރި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މިގޮތުން ރާއްޖޭގެ ތިން ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ނޭޕާލްގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު މުހިންމު ސޭވްތަކެއް ކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް ރާއްޖެއިންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު ނޭޕާލްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާފިއުއެވެ. މިއީ އަހުމަދު ހަމީދު ނޭޕާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ހޯދުމަށްފަހު، ކީޕަރު ކައިރިންވެސް ނައްޓާލާފައި ޝާފިއުއަށް ޖައްސާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.
ނަމަވެސް، ރާއްޖެއިން ލަނޑު ޖެހިތާ މިނެޓެއް ނުވަނީސް ނޭޕާލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ލިބުނު ކޯނަރެއްގެ ބޭނުން ހިފައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިކްރާތު ނާސިންގ ރާނާއެވެ. މި ލަނޑަށްފަހު ނޭޕާލުން ވަނީ ދިވެހި ޓީމުގެ ފަހަތަށް ބޮޑު ޕްރެޝަރެއް ކުރިމަތިކުރުވާފައެވެ.
މެޗުގެ ނަތީޖާ ރާއްޖެ ކޮޅަށް އަނބުރާލީ މެޗު ނިމެން 7 މިނެޓަށް ވެފައި ވަނިކޮށެވެ. ރާއްޖޭގެ ޝާފިއުއަށް ކުރި ފައުލަކާ ގުޅިގެން ނޭޕާލްގެ އަމިތު ލާމާއަށް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މި ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުން ސީދާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރާއްޖެ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ކެޕްޓަން މުހައްމަދު އިމްރާނެވެ. މިއީ މި މުބާރާތުގައި އިމްރާން ކާމިޔާބުކުރި 7 ވަނަ ލަނޑެވެ.
މުބާރާތުގައި ރާއްޖެއަށް ދެން އޮތީ ބޫޓާނާ ބައްދަލުކުރާ މެޗެވެ. ޗެމްޕިއަންކަން ކަށަވަރުކުރުމަށް ރާއްޖެއަށް ދެން ބޭނުންވަނީ ކުރިއަށް އޮތް ދެ މެޗުން އެންމެ ދެ ޕޮއިންޓެވެ. އެހެންނަމަވެސް، މިއަދު ކުޅޭ ޕާކިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު އެއްވަރުވެއްޖެނަމަ، ބޫޓާން މެޗުގެ ކުރިންވެސް ރާއްޖެއަށް މުބާރާތުގެ ތަށި ކަށަވަރުވާނެއެވެ.





