ތައިލޭންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ހިތްވަރުދެއްވައި، މާދަމާ ކުޅޭ މެޗުން ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ނައިބު ރައީސް ވިދާޅުވީ، ގައުމީ ފުޓްސަލް ޓީމުގައި ތިބީ ނުހަނު ހުނަރުވެރި ކުޅުންތެރިން ކަމަށާއި، މިހާތަނަށް ޓީމުން ހޯދަމުންދާ ނަތީޖާތަކަކީ އުއްމީދުކުރެއްވި ފަދަ ރަނގަޅު ނަތީޖާތަކެއް ކަމަށެވެ. އަދި ޓީމުން ދައްކަމުންދާ ކުޅުމާމެދު ފަޚުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވަމުން، ކުޅުންތެރިން މި މުބާރާތަށް ތައްޔާރުކުރުމުގައި ޓީމުގެ ކޯޗު ކޮށްދެއްވި ބުރަ މަސައްކަތްޕުޅު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، ތާވަލުގެ ކުރީގައި ހިފަހައްޓާފައެވެ. މާދަމާ ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިންނަކީ ކުޅިވަރުގެ މައިދާނުގައި އަބަދުވެސް އެއްބައިވަންތަކަން ދައްކާ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި މާދަމާގެ މުހިންމު މެޗަށް ދިވެހި ރައްޔިތުން ކެތްމަދުވެފައި ތިބި މިންވަރާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ފޯރިއާއި ޝުޢޫރުތަކުން ޓީމަށް ލިބޭ ހިތްވަރު ބޮޑުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ އަންހެން ފުޓްސަލް ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަށްވެސް ނައިބު ރައީސް ވަނީ ސާބަސް ދެއްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އަންހެން ޓީމަށް އިތުރު ފުރުސަތުތަކެއް ހޯދައިދީ، އިތުރު ކާމިޔާބީތައް ހޯދުމަށް މަގުފަހިވެގެންދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.





