ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ކުރިއަށްއޮތް ރަމަޟާންމަހަށް އަމާޒުކޮށްގެން ގޭބީސީތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި މިރޭ ފެށުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.
ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ، ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ވަޢުދުފުޅާ އެއްގޮތަށް، 48 ދަޅު ހިމެނޭ މަސްދަޅު ކޭސްތައް ބެހުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ކޭސްތައް ބަހާ މަރުކަޒުތަކަށް ތަކެތި އުފުލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ސިޓީތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ރެއެއްގެ 8:00 އިން ފެށިގެންނެވެ. އަދި ކޮންމެ ރެއަކުވެސް 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އަމާޒަކީ ރަމަޟާންމަސް ފެށުމުގެ ކުރިން މާލެއާއި އަތޮޅުތެރޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސްތައް ބަހާ ނިންމުމެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާނެ ތަންތަން:
މާލޭގައި:
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯމިލު
- ހެންވޭރު ބޯޅަދަނޑު
- ގަލޮޅު ދަނޑު
ހުޅުމާލެ ފޭސް 1 ގައި:
- ޢުމަރުޒާހިރު ބިލްޑިންގް
- ޕޮލްކޯ ޓަވަރު
- މުހައްމަދު ޤާސިމް ޕްރީސްކޫލް
ހުޅުމާލެ ފޭސް 2 ގައި:
- ކާމިލުދީދީ ސްކޫލް
- ހިޔާ ޓަވަރު 10
- އެމްޕީއެލް ޓަވަރު ޕީ
ވިލިމާލޭގައި:
- ވެމްކޯ ސައިޓު
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މާރިޗު މަހުގެ 11 ވަނަ ދުވަހެވެ. މިދިޔަ އަހަރުވެސް ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 111,231 މަސްދަޅު ކޭސް ބަހާފައެވެ. އޭގެ ތެރޭގައި މާލޭގެ ގޭބިސީތަކަށް ދޫކުރި 50,519 ކޭހާއި، އަތޮޅުތަކުގެ ގޭބިސީތަކަށް ދޫކުރި 60,712 ކޭސް ހިމެނެއެވެ.





