ފުވައްމުލަކު ސިޓީގައި 18 އަހަރު ނުފުރޭ ކުއްޖަކު ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެކްސިޑެންޓުވެ، ދެ ކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުވައްމުލަކު ސިޓީ މާލެގަން، ނަރުގިސްމަގުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް އިއްޔެ މެންދުރުފަހު 13:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވަން އިނީ 18 އަހަރު ނުފުރޭ ކުއްޖެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި އެކްސިޑެންޓުގައި ދެ ކުއްޖަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އެ ކުދިންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ކުޑަކުދިންނާއި ލައިސަންސް ނެތް ފަރާތްތަކުން އުޅަނދު ދުއްވުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާ ކަމަކަށްވާތީ، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





