ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ ދަރިފުޅު ޔާޝްވަރުދަން އަޖޫހާ ފިލްމީ ދާއިރާއަށް ތައާރަފުކުރާ ފިލްމުގެ ނަމަކީ ’ހަންޑްރެޑް‘ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މަޝްހޫރު ޑައިރެކްޓަރު ސާޖިދު ޚާން ޑައިރެކްޓްކުރާ މި ފިލްމަކީ ހޮރޯ-ކޮމެޑީ ޖޯންރާގެ ފިލްމެކެވެ. މި މަހުގެ 23 އިން ފެށިގެން ’ހަންޑްރެޑް‘ ގެ ޝޫޓިން މުމްބާއީގައި ކުރިއަށްދާ އިރު، މިއީ އެކްތާ ކަޕޫރުގެ ބާލާޖީ މޯޝަން ޕިކްޗާސް އާއި ޕްރޮޑިއުސަރު އަމަރު ބޫތާލާގެ ގިލްޓީ ބާއި އެސޯސިއޭޝަން މީޑިއާ ގުޅިގެން އުފައްދާ ފިލްމެކެވެ.
ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމުގައި ޔާޝްއާ އެކު ބަތަލާގެ ރޯލުން ފެންނާނީ، އާމިރު ޚާންގެ ކުރީގެ އަންހެނުން ކިރަން ރާއޯ 2023 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު ’ލާޕަތާ ލޭޑީސް‘ އިން ބޮޑު މަގުބޫލުކަމެއް ހޯދި ޒުވާން ބަތަލާ ނިތާންޝީ ގޮއެލް އެވެ.
ވަރަށް ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ސާޖިދު ޚާން ފިލްމެއް ޑައިރެކްޓް ކުރަން ފެށި އިރު، 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާ ’100 ޕަސެންޓް‘ ގެ ނަމުގައި ފިލްމެއް އިއުލާން ކުރިއެވެ. ޖޯން އަބްރަހަމް، ނޯރާ ފަތުހީ، ރިތޭޝް ދޭޝްމުކް އަދި ޝެހެނާޒް ގިލް ހިމަނައިގެން 2023 ގައި ރިލީޒްކުރަން އިއުލާންކުރި އެ ފިލްމުގެ އެއްވެސް މަސައްކަތެއް އޭގެ ފަހުން ކުރިއަށް ގޮސްފައެއް ނުވެއެވެ.
ސާޖިދު ޚާން އަކީ ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު އަދި ޑައިރެކްޓަރު ފަރާ ޚާންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އޭނާ ކުރިން ޑައިރެކްޓްކުރި ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ’ހައުސްފުލް‘ ފްރެންޗައިޒްގެ ފުރަތަމަ ދެ ބަޔާއި، ’ހޭ ބޭބީ‘ އަދި ’ހިންމަވަތުވާލާ‘ ހިމެނެއެވެ. ސާޖިދު އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2014 ވަނަ އަހަރު ނެރުނު ’ހަމްޝަކަލްސް‘ އެވެ.





