ކުރީގެ އާސެނަލް އަދި ޗެލްސީގެ ސްޓްރައިކަރު ޕިއެރް-އެމެރިކް އޮބަމަޔަންގް އެއް އަހަރު ފަހުން އަލުން މާސޭއާ ގުޅިއްޖެއެވެ.
އުމުރުން 36 އަހަރުގެ މި ކުޅުންތެރިޔާ މާސޭއިން ވަކިވެ، ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް-ގާދިސިއާއަށް ގުޅުނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. ނަމަވެސް މި މަހުގެ ކުރީކޮޅު އޭނާ ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އަލް-ގާދިސިއާ ދޫކޮށްލާފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޯބަމަޔަންގ ވަނީ މާސޭއާއެކު 2027 ވަނަ އަހަރާ ހަމައަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ގަބޯންގެ މި ބައިނަލްއަގްވާމީ ކުޅުންތެރިޔާ މިދިޔަ ސީޒަންގައި އަލް-ގާދިސިއާގައި ކުޅުނު 36 މެޗުން 21 ގޯލު ޖަހައި، 3 ގޯލު އެސިސްޓް ކުރިއެވެ. މި ސީޒަންގައި އަލް-ގާދިސިއާ ލީގުގެ ހަތަރު ވަނައިގައި ނިންމާލާފައިވާ އިރު، ކިންގްސް ކަޕްގެ ފައިނަލަށްވެސް ދަތުރުކޮށްފައިވެއެވެ.
މާސޭއަށް މި ފަހަރު އަލުން ގުޅުނު އިރު، އެ ކްލަބަށް އޭނާ އެންމެ ފުރަތަމަ ގުޅުން އަހަރު ކުޅުނު 51 މެޗުން 30 ގޯލު ޖަހައި 11 ގޯލު ޖަހަން އެހީތެރިވެދީފައިވެއެވެ.
މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު އާސެނަލް ދޫކޮށްލި ފަހުން އޮބަމަޔަންގް ބަދަލުވި ފަސްވަނަ ކްލަބެވެ. އާސެނަލްގައި ހަތަރު އަހަރު ހޭދަކޮށް، ޕްރިމިއާ ލީގުގައި ކުޅުނު 128 މެޗުން އޭނާ ވަނީ 68 ގޯލު ޖަހާފައެވެ. ނަމަވެސް ކޯޗު މިކެލް އާޓެޓާ އޭނާގެ ކެޕްޓަންކަން ނިގުޅައިގަތުމަށްފަހު ދެ ފަރާތުގެ އެއްބަސްވުމަކަށްފަހު އޭނާ އާސެނަލްއިން ވަކިވިއެވެ.
ކުރީގެ ބޮރޫސިއާ ޑޯޓްމަންޑްގެ ފޯވަޑް ބާސެލޯނާގައި ހަ މަސް ދުވަހު ހޭދަކުރުމަށްފަހު އަލުން ޕްރިމިއާ ލީގަށް އެނބުރި އައީ ޗެލްސީއާ ގުޅިގެންނެވެ. ޗެލްސީގައި އޭނާ ހޭދަކުރީ 2022-23 ސީޒަނެވެ.





