ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު ފިރިހެން ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް، ފިލްމުތަކަށް ލަވަކިޔުން ހުއްޓާލަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ރޭ އާންމުކުރި ޕޯސްޓެއްގައި އޭނާ ބުނީ، ފާއިތުވި ދިގު މުއްދަތުގައި އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއި ލޯތްބަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ. ނަމަވެސް، މީގެ ފަހުން ފިލްމުތަކަށް ލަވަކިޔުމަށް ލިބޭ އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފާނެ ކަމަށާއި، އަދި އަލަށް ލިބޭ އެފަދަ އެއްވެސް މަސައްކަތަކާ ހަވާލުނުވާން ނިންމާފައިވާ ކަމަށް އޭނާ ހާމަކުރިއެވެ.
”އެކަން މިހާރު މި ހުއްޓާލީ،“ އެތައް ފިލްމަކަށް ކާމިޔާބު މަޝްހޫރު ލަވަތަކެއް ކިޔައިދީފައިވާ ހުނަރުވެރި ފަންނާނު ބުންޏެވެ.
އަރިޖިތު ފިލްމީ ދާއިރާއާ ދުރަށް ޖެހުނު ކަމުގައި ވިޔަސް، އޭނާގެ އަމިއްލަ މިއުޒިކީ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. 2007 ވަނަ އަހަރުން ފެށިގެން ފިލްމުތަކަށް ލަވަކިޔައިދެމުން އަންނަ އަރިޖިތުގެ ލަވައެއް ފިލްމެއްގައި ހިމެނުމަކީ، އެ ފިލްމެއް ކާމިޔާބުވުމުގެ ވަރަށް ބޮޑު ރަމްޒެއް ކަމުގައި ބޮލީވުޑްގެ ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ގަބޫލުކުރެއެވެ. އެ ސަބަބަށްޓަކައި، މި ފަހަކަށް އައިސް އޭނާގެ ލަވައެއް ނުހިމެނޭ ފިލްމެއް ފެންނަނީ ވަރަށް މަދުންނެވެ.
އަރިޖިތަކީ އޭނާގެ މިއުޒިކީ ހަޔާތުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި އިންޑިއާގެ ދެ ނެޝަނަލް އެވޯޑާއި، އެހެނިހެން މަޝްހޫރު ގިނަ އެވޯޑުތަކެއް ހިމެނެއެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުން ދޭ ހަތަރުވަނައަށް އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ”ޕަދްމާ ޝްރީ“ ވެސް މިދިޔަ އަހަރު އޭނާ ވަނީ ހާސިލުކޮށްފައެވެ.
ހިންދީ ބަހުގެ އިތުރުން އިންޑިއާގެ އެކި ބަހުރުވަތަކުން އުފައްދާ ފިލްމުތަކަށް ވެސް ލަވަކިޔައިދީފައިވާ އަރިޖިތުގެ މި ނިންމުމަކީ އޭނާގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ.





