ރާއްޖޭގެ ކަނޑުގެ އަޑިން ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދަ ގޮތަކަށް ކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ދެއްވައިފިއެވެ.
ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި (އެސްއީޒެޑް) އިންވެސްޓް ކުރެވޭނެ އިގުތިސާދީ ދާއިރާތަކުގެ ތެރޭގައި ކަނޑުއަޑިން ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ހިމެނުމާ ގުޅިގެން، ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު ”ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު“ ލިބިފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ގާތްގަނޑަކަށް 900،000 އަކަ ކިލޯމީޓަރުގެ މި ބޮޑު ސަރަހައްދުން މިހާތަނަށް ރާއްޖެއިން ބޭނުންކުރަމުން އައީ ހަމައެކަނި ކަނޑުމަހުގެ މަސްވެރިކަމުގެ ތެރެއިން ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، ކަނޑުގެ މި ބޮޑު މުއްސަނދިކަން ފަރުވާތެރިކަމާއެކު ދިރާސާކޮށް ތަރައްގީކުރުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކުރުމަށް ހުޅުވިގެންދާނެ އާ މަގުތަކެކެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ގައުމީ މަސްލަހަތު އިސްކުރާ، ގާބިލު އަދި އިތުބާރު ހުރި އިންވެސްޓަރުންނާ ގުޅިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް ގައުމަކަށް ވީތީ، ސަރުކާރުން މިފަދަ ކޮންމެ ހަރަކާތެއްގައިވެސް އަމަލުކުރާނީ ނުހަނު ފަރުވާތެރިކަމާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ”ކަނޑުގެ ވަސީލަތްތައް ހޯދުމަށް ހިންގޭ ކޮންމެ މަޝްރޫއަކީވެސް ތިމާވެއްޓަށް ކުރާނެ އަސަރުތައް ބަލާ ވަރުގަދަ، ދެފުށް ފެންނަ ދިރާސާތަކެއްގެ މައްޗަށް ބިނާވެފައިވާ މަޝްރޫއުތަކަކަށް ވާނެއެވެ. އަދި ދިރުންތަކާއި ތިމާވެށީގެ ރައްކާތެރިކަމާމެދު އެއްވެސް ދޫދިނުމެއް ނޯންނާނެއެވެ،“ ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ބަދަލުތަކުގެ ސަބަބުން ”ނޫ އިގްތިސާދު“ގެ ތެރެއިން އުފެދޭ ފުރުސަތުތަކުގެ މަރުކަޒަކަށް ރާއްޖެ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މެރިން ޖިއޮލޮޖީ، ސަބްސީ އިންޖިނިއަރިންގް، އަދި އެންވަޔަރަންމަންޓަލް ސައިންސް ފަދަ ހާއްސަ ދާއިރާތަކުން ދިވެހިންނަށް ފަންނީ އަދި މަތީ ފަންތީގެ ވަޒީފާގެ ފުރުސަތުތައް ފަހިވެ، ދިވެހިންގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓަރު ޝިޔާމްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.





