މާލެ، ދިވެހިރާއްޖެ: މާލޭގައި ޤަވައިދާ ޚިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިޔަ 15 ބިދޭސީއަކު، ކަމާބެހޭ މުއައްސަސާތައް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިދިޔަ ނޮވެމްބަރު މަހު އުފެއްދި ”ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް“ ގެ ދަށުންނެވެ.
މި ޓާސްކްފޯހަކީ ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީންނާއި، ޤަވައިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް އެކުލަވާލާފައިވާ ޚާއްސަ ބާރެކެވެ.
އިއްޔެ ކުރިއަށްދިޔަ މި ޖޮއިންޓް އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބައިވެރިވެފައިވެއެވެ. މި އިންސްޕެކްޝަނުގައި މާލޭގައި ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ބަލައި ފާސްކުރި އެއް ތަނަކީ އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެކެވެ. އެތަން ފާހަގަކުރެވުމާއެކު އެތަނުގައި ކުރަމުންދިޔަ މަސައްކަތްތައް ވަނީ ވަގުތުން ހުއްޓުވާފައެވެ. ދެވަނައަށް ބަލައި ފާސްކުރި ތަނުގައި ޤަވާއިދާ ޚިލާފަށް ފިހާރައެއް ހިންގައި، މުދާ ވިއްކަމުންދިޔަކަން ފާހަގަކުރެވުމާ ގުޅިގެން އެތަނުގެ މަސައްކަތްތައްވެސް ވަނީ ހުއްޓުވާފައެވެ.
މި ދެ އިންސްޕެކްޝަނަށްފަހު، ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 15 ބިދޭސީ ފިރިހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އިޤްތިޞާދީ ވުޒާރާއިން ވަނީ އެ ދެ ތަން މިހާރު ބަންދުކޮށްފައެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، މިހާތަނަށް ދެލައްކަ ދެހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި ކޯޓާ ދިން ފަރާތް ނޫން އެހެން ފަރާތްތަކުގެ ކައިރީގައި މަސައްކަތްކުރާ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށް އޭޕްރީލް މަހުގެ 2 ވަނަ ދުވަހާ ހަމައަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އަންނަ އަހަރުން ފެށިގެން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުޞަތެއް ނުދީ ވަގުތުން ޑީޕޯޓު ކުރަމުންދާނެއެވެ.
މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.





