މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 200،000 އަށްވުރެ މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 200،801 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 193,174 ފަތުރުވެރިންނާ އަޅާބަލާއިރު 3.9 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެވަރެޖްކޮށް ކޮންމެ ދުވަހަކު 7,171 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 26,965 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައިގައި 21,137 ފަތުރުވެރިންނާއެކު އިޓަލީ އޮތްއިރު، ތިންވަނައިގައި އޮތީ 18,531 ފަތުރުވެރިން ޒިޔާރަތްކުރި ޗައިނާއެވެ. ލިސްޓުގެ ދެން ހިމެނޭ ގައުމުތަކަކީ:
- އިނގިރޭސިވިލާތް: 18,105 ފަތުރުވެރިން
- ޖަރުމަނުވިލާތް: 12,746 ފަތުރުވެރިން
- އިންޑިއާ: 7,564 ފަތުރުވެރިން
- ފްރާންސް: 6,904 ފަތުރުވެރިން
- އެމެރިކާ: 5,790 ފަތުރުވެރިން
- ޕޮލެންޑް: 5,376 ފަތުރުވެރިން
- ކަޒަކިސްތާން: 3,830 ފަތުރުވެރިން
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން އެތެރެވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ 198,329 ފަތުރުވެރިންނެވެ. މީގެ އިތުރުން މާފަރު އެއާޕޯޓުން 714 ފަތުރުވެރިން، ގަން އެއާޕޯޓުން 599 ފަތުރުވެރިން، އަދި ހަނިމާދޫ އެއާޕޯޓުން 563 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މާމިގިލި އެއާޕޯޓުން 359 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 237 ފަތުރުވެރިން ވަނީ އެތެރެވެފައެވެ.
މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 138,166 ފަތުރުވެރިންނެވެ. ގެސްޓްހައުސްތަކުގައި 52,984 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓާތަކުގައި 5,358 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 4,112 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ.
މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 179 ރިސޯޓާއި، 899 ގެސްޓްހައުސް، 173 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ހުރިހާ ފެސިލިޓީތަކެއްގައި ފަތުރުވެރިންނަށް ބޭނުންކުރެވޭނެ ޖުމްލަ 66,854 އެނދު ހުރިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.





