އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މިސްޓަ ޝާޑީ ގަވަސްމީ މިއަދު އައްޔަންކޮށްފިއެވެ.
ޝާޑީ ގަވަސްމީ އަކީ ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އުރީދޫ ގްރޫޕާ 2015 ވަނަ އަހަރު ގުޅިވަޑައިގަތް ގަވަސްމީ ވަނީ އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި، ސޭލްސް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ އިސް މަގާމުތައް ފުރުއްވާފައެވެ. އޭނާ ވަނީ އެ ކުންފުނީގެ މާކެޓް ފުޅާކުރުމާއި، އާ ޓެކްނޮލޮޖީތައް ތައާރަފުކުރުމުގެ އިތުރުން ކުންފުނި ހިންގުމުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
އުރީދޫއާ ގުޅިވަޑައިގަތުމުގެ ކުރިން ގަވަސްމީ ވަނީ މެނޭޖްމަންޓް ކޮންސަލްޓިން، ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން އެކި މުއައްސަސާތަކަށް ލަފާދެއްވައި، ވިޔަފާރި ކުރިއެރުވުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމުގައި މަސައްކަތް ކުރައްވާފައެވެ. ތައުލީމީ ދާއިރާއަށް ބަލާއިރު، އޭނާ ވަނީ ފަރަންސޭސިވިލާތުގެ އީޑީއެޗްއީސީ ބިޒްނަސް ސްކޫލުން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި އެމެރިކާގެ ބްރިގަމް ޔަންގް ޔުނިވަރސިޓީން މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައެވެ.
އާ ސީއީއޯ އައްޔަންކުރުމާއެކު، އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު ޙަސަން އެމް އޭ އަލް-ޙަމާދީ ކުންފުންޏަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ޚާލިދުގެ ލީޑަޝިޕްގައި އުރީދޫ އިން ވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފޯރުކޮށްދޭ ”އެވީ“ ކަސްޓަމާ ކެއާ އެސިސްޓަންޓް ތައާރަފުކޮށް، މާސްޓާ ކާޑް، ޓިކްޓޮކް އަދި ވަޓްސްއަޕް ބިޒްނަސް ފަދަ ބައިނަލްއަގުވާމީ ކުންފުނިތަކާއެކު އޮތް ގުޅުން ވަރުގަދަކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ 100 އިންސައްތައަށް 4ޖީ+ ކަވަރޭޖް ފޯރުކޮށްދިނުމާއި، ”ޕީސް“ ސަބްމެރިން ކޭބަލް އަދި ހުޅުމާލޭގައި އުރީދޫގެ އައު އޮފީސް އިމާރާތް ހުޅުވުމަކީ ޚާލިދުގެ ދައުރުގައި ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީތަކެވެ.
އިޖުތިމާޢީ ޒިންމާގެ ދަށުން ސިއްހީ ދާއިރާއަށާއި އެއާ އެމްބިއުލާންސްގެ ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ކަނޑުއަޑީގައި ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން ގިނިސް ވޯލްޑް ރެކޯޑެއް ހޯދުންވެސް ޚާލިދުގެ ދައުރުގައި ހިމެނެއެވެ.
އުރީދޫ މޯލްޑިވްސް އިން އުއްމީދު ކުރަނީ އާ ސީއީއޯ ޝާޑީ ގަވަސްމީގެ އިރުޝާދުގެ ދަށުން ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ޒަމާނީ ޓެކްނޮލޮޖީގެ ރަންދަހުރަސްތަކެއް ގާއިމުވެގެންދާނެ ކަމަށެވެ.





