މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ހަށިގަނޑުން ލޭ ހަދިޔާކުރުމަކީ އިސްލާމްދީނުގައި އެތައް ގުނައަކަށް ސަވާބު އިތުރުވެގެންވާ މަތިވެރި ޞަދަޤާތެއްކަމަށާއި، އެއީ ސުވަރުގެ ވަނުމުގެ ނަސީބު ލިބިގެންދާނެ ފަދަ އިޙްސާންތެރި އަމަލެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
”ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް“ މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، މާތް اللهގެ އަޅުތަކުންނަށް އެހީތެރިވުމާއި މުދަލުން ހޭދަކުރުމަކީ ދަރުމަހުރި ކަންކަން ކަމުގައިވީނަމަވެސް، ލޭ ހަދިޔާކުރުމަކީ އިންސާނިއްޔަތަށްޓަކައި ކުރެވޭ ވަރަށް މަތިވެރި އަމަލެއް ކަމަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި، ހަމަ އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ މުޅި އިންސާނިއްޔަތު ދިރުވުން ފަދަ ކަމެކެވެ.
ބަލިމީހެއްގެ ހަށިގަނޑަށް އަޅަންޖެހޭ ލޭ ނުލިބުމަކީ އޭނާ ދުނިޔެ ދޫކޮށްފާނެ ކަމަކަށް ވީހިނދު، ލޭ ހަދިޔާކުރުމަކީ އެ މީހަކަށް ދިރިހުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ކުރެވޭ ހެޔޮ އަމަލެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި ދިވެހިރާއްޖޭގެ ބުލަޑުބޭންކުތަކަށް މިވަގުތު ލޭ ހަދިޔާކުރާނެ މީހުން ބޭނުންވެފައިވާކަން ފާހަގަކޮށް، ޝަރުޢީ އަދި ޞިއްޙީ ހަމަތަކުގެ މަތިން ޝަރުޠުހަމަވާ އެންމެހައި ފަރާތްތަކުން ލޭ ހަދިޔާކުރުމަށް ޚުތުބާގައި ވަނީ ގޮވައިލާފައެވެ.
އިލްމުވެރިންގެ ބަސްފުޅުތަކަށް ރިއާޔަތްކޮށް ޚުތުބާގައި އިތުރަށް ބުނީ، ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއް ކަމަށެވެ. އެއީ އެ ލޭ ހަދިޔާކުރި މީހާ މަރުވުމަށްފަހުގައިވެސް، އެކަމުގެ ހެޔޮ އަސަރު ދެމިހުރިހައި ހިނދަކު އޭނާއަށް ސަވާބު ލިބިލިބި ހުންނާނެ ކަމެކެވެ.
”މިއަދު ދިވެހިރާއްޖޭގެ ބުލަޑުބޭންކުތައް ވަނީ، ލޭހަދިޔާކުރާނެ މީހުންނަށް ބޭނުންވެފައެވެ. ތިޔައިން ބޭކަލަކު ހަދިޔާކުރާ ލެއަކީ، މީހެއްގެ ފުރާނަސަލާމަތްވުމުގެ ސަބަބަކަށް ވެއްޖެ ނަމަ ލިބޭނޭ ސަވާބާއި ދަރުމައާ މެދު ވިސްނައިލާށެވެ!“ ޚުތުބާގައި ބުނެފައިވެއެވެ.
ލޭ ހަދިޔާކުރުމުގެ އިތުރުން، މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވިދާނެ އެހެނިހެން ކަންކަމުގެ މައްޗަށްވެސް މިއަދުގެ ޚުތުބާގައި އަލިއަޅުވައިލިއެވެ. އޭގެ ތެރޭގައި ކާންބޯން ނުލިބޭ މީހުންނަށް އެހީވުމާއި، ބޭސްފަރުވާއަށް ދަތިވެފައިވާ މީހުންނަށް އެހީތެރިވުމާއި، އެކި ހާދިސާތަކުގައި އަނިޔާވާ މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.
ޚުތުބާ ނިންމާލަމުން ވަނީ މީސްތަކުންގެ މެދުގައި ސަލާމް ފެތުރުމަށާއި، ކާންބޯން ދިނުމަށާއި، ރަޙިމުގެ ގުޅުން ބޭއްވުމަށް ނަސޭހަތްތެރިވެފައެވެ. މިއީ ސަލާމަތްތެރިކަމާއެކު ސުވަރުގެ ވަނުމަށް މަގުފަހިވެގެންދާނެ އަމަލުތަކެއްކަން ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅުތަކުން އެނގެން އޮތްކަންވެސް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.





