ހިތަދޫ ވިޔަފާރި ބަނދަރުގައި އަސާސީ ކާބޯތަކެތި ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ޒޯނެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ހިތަދޫ ރީޖަނަލް ޕޯޓް (އެޗްޕީއެލް) އަށް މުހިންމު އައު ޚިދުމަތްތަކެއް ތަޢާރަފުކުރުމަށްޓަކައި މިއަދު އައްޑޫ ސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.
މި ރަސްމިއްޔާތުގައި ހިތަދޫ ވިޔަފާރި ބަނދަރަށް މުހިންމު ތިން ޚިދުމަތެއް ތަޢާރަފުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ޒޯންގެ ޚިދުމަތާއި، ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތް އަދި ބަލްކް ކާގޯ ފެސިލިޓީގެ ޚިދުމަތް ހިމެނެއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރު މުޙައްމަދު ސަޢީދު ސޮއިކުރެއްވިއިރު، އެޗްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ޑިސީޕީ ރިޓަޔަރޑް މުޙައްމަދު ރިޝްވާނެވެ.
އެޗްޕީއެލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޚިދުމަތްތައް ފެށުމުން މުދާ ކްލިއަރ ކުރުމަށް ވިޔަފާރިވެރިން ކުރަންޖެހޭ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި މިއީ ދެކުނުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށް ބާޒާރާ ގާތުން މުދާ އެތެރެކޮށް، ފަސޭހަކަމާއެކު ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުޞަތެކެވެ. މީގެ އިތުރުން މިއީ އައްޑޫ ސިޓީއާއި މުޅި ދެކުނުގެ އިޤްތިޞާދަށާއި، ޚާއްޞަކޮށް އިމާރާތްކުރުމުގެ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ޚިދުމަތް ދޭން ފެށިތާ 20 އަހަރު ވެފައިވާ ހިތަދޫ ރީޖަނަލް ޕޯޓަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުން ހިންގަމުންދާ، ރާއްޖޭގެ ދެކުނަށް މުދާ ފޯރުކޮށްދޭ މައި މަރުކަޒެވެ. މި ބަނދަރަކީ ކޮންޓެއިނަރާއި ޖެނެރަލް ކާގޯ ހޭންޑްލް ކުރުމުގެ ފުރިހަމަ ވަޞީލަތްތަކާއެކު، ސަރަހައްދުގެ ޞިނާޢީ އަދި ވިޔަފާރި ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ތަނެކެވެ.
ސަރުކާރުގެ މި ނިންމުމާއެކު، އައްޑޫ ސިޓީއަކީ އިޤްތިޞާދީ މައި ހަބަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މުހިންމު ފިޔަވަޅެއް އެޅިގެންދިޔައީ ކަމަށް ގިނަ ބަޔަކު ދެކެއެވެ.





