މާލޭގެ މޫނުމަތިން ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން، ބާޒާރުމަތީ ސަރަހައްދުގައި މިހާރު ހިނގަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
މަގު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޒިޔާރަތުގައި، އެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރު ވަނީ ވަޒަން ކުރައްވާފައެވެ. ރައީސް މުޢިއްޒު އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދުﷲ މުއްޠަލިބެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މި މަޝްރޫޢުގެ ދެވަނަ ސެގްމަންޓުގައި ހިމެނެނީ، އެ މަގުގެ ދެކުނު ފަރާތުން މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. މި ސަރަހައްދުގެ މަގު ފުޅާކޮށް، ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އަމާޒަކީ މި މަސައްކަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އެއްކޮށް ނިންމައި އާންމުންނަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ޖުމްލަ ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 9 ވަނަ ދުވަހުއެވެ.





