އެސްޓީއޯ އިން ހުޅުމާލެ ފޭސް 1ގައި އާ ފާމަސީއެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
ހުޅުމާލެ ހޮސްޕިޓަލް ކައިރީގައި ގާއިމުކުރި ”އެސްޓީއޯ ފާމަސީ ސެންޓްރަލް“ ގެ ހިދުމަތް ފަށާފައިވަނީ އިއްޔެ އެވެ.
މި ފާމަސީ ގާއިމުކޮށްފައިވަނީ ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހިންގަމު އައި ތަނުގަ އެވެ.
އެސްޓީއޯގެ ސްމާޓް ސްޓޯ ފާމަސީއަކަށް ބަދަލުކުރަން ނިންމާފައިވާކަން މި އަހަރުގެ މޭ މަހު ބޭއްވި އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އެމްޑީ ޝިމާދު އިބްރާހީމް ވިދާޅުވި އެވެ.
މި ފާމަސީ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯގެ ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، މި ފާމަސީން ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒާ ފަދަ ތަކެތި ވިއްކުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި މި ފާމަސީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށް ހުޅުވިފައި ހުންނާނެ އެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށްޓަކައި ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ހިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.



