ދޫނިދޫ ކައިރިން ދަތުރުކުރަމުން ދިޔަ މަސް ދޯންޏެއްގައި މިއަދު މެންދުރުފަހު އަލިފާން ރޯވެ، އެ ދޯނީގައި ތިބި ފަސް މީހަކަށް އަނިޔާވެގެން މާލެ ގެނެސް ފަރުވާ ދޭން ފަށައިފިއެވެ.
މި ހާދިސާ ހިނގި އިރު އެ ދޯނީގައި ޖުމްލަ 15 މީހުން ތިއްބެވެ. އޭގެ ތެރެއިން އަނިޔާވެގެން ފަރުވާ ދެމުންދަނީ ދެ ދިވެހިންނަށާއި ތިން ބިދޭސީންނަށެވެ. އަނިޔާވި މީހުން މާލެ ގެނެސްފައިވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގެ ލޯންޗެއްގައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ކުރުނބާ މޯލްޑިވްސް ކައިރިން ދަތުރުކުރި މި ދޯނީގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:54 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، ސިފައިން ކުރި މަސައްކަތުން މިހާރު ވަނީ ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި އަނިޔާވި މީހުންގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެއެވެ





