ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ވޯޓަކާ ނުލައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލަލް ކޮންގްރެސް (ޕީއެންސީ) އަށް ޖުމްލަ 69 ގޮނޑި ކަށަވަރުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، އިންތިޚާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާތީ އާއި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމާ ގުޅިގެން ގިނަ ގޮނޑިތަކަކަށް ވަނީ ކެންޑިޑޭޓުން އިންތިޚާބުވެފައެވެ. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މިމަހުގެ 12 ވަނަ ދުވަހު ބާއްވާފައިވާއިރު، ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އެދުވަހާ ހަމައަށް އޮތީ ހުޅުވާލާފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ ދަށުން، ވޯޓަކާ ނުލައި އިންތިޚާބުވި ކެންޑިޑޭޓުންގެ ތަފްސީލަށް ބަލާއިރު، ކައުންސިލް އިންތިޚާބުން ޕީއެންސީއަށް 28 ގޮނޑި ވަނީ ކަށަވަރުވެފައެވެ. މީގެ އިތުރުން މި ބައި-އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީއަށް 1 ގޮނޑި، އަދާލަތު ޕާޓީއަށް 1 ގޮނޑި އަދި އަމިއްލަ ގޮތުން ވާދަކުރި 3 ކެންޑިޑޭޓަކު ވަނީ އިންތިޚާބަކާ ނުލައި ހޮވިފައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ބަލާއިރު، ޕީއެންސީން ވަނީ 41 ގޮނޑި ކާމިޔާބުކޮށްފައެވެ. މި ދާއިރާއިން އެމްޑީޕީއަށް 5 ގޮނޑި ލިބިފައިވާއިރު، އަދާލަތު ޕާޓީއަށް 1 ގޮނޑި އަދި އަމިއްލަ ގޮތުން ވާދަކުރި 2 ކެންޑިޑޭޓަކު ވަނީ ގޮނޑި ކަށަވަރުކޮށްފައެވެ.
މި ނަތީޖާއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްވެ ހުންނަވައިގެން ހިންގަވާ ޕީއެންސީއަށް ވަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބޮޑު އަޣުލަބިއްޔަތެއް އިންތިޚާބުގެ ކުރިންވެސް ލިބިފައެވެ. އީސީން ބުނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ނަންތައް އިޢުލާނުކޮށް، އެ ކެންޑިޑޭޓުންނަކީ އިންތިޚާބުވެފައިވާ ބައެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.





