އައްޑޫން ގަންނަ މަސް، ހުވަދުއަތޮޅަށް ގެންދިއުމުގެ ބަދަލުގައި ސީދާ އައްޑޫން މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށް މިފްކޯ އިން ބުނެފިއެވެ.
ރޭގެ ވަގުތެއްގައި މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީދާ އައްޑޫން މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް އެއް މަސް ދުވަސް ތެރޭގައި ފަށާނެ ކަމަށެވެ. އަދި އައްޑޫގައި މަހަށް ވެލިޔު އެއްކުރުމުގެ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފަށަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
މިފްކޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ހަދަމުންދާ މަސް ގަންނަ މަރުކަޒު އަންނަ އަހަރު ހުޅުވައި، އޮޕަރޭޝަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ. އޭގެއިތުރުން އުތުރާއި ދެކުނުގެ ސަރަހައްދުގައި މަސްވެރިން ބާނާ ބޮޑު ކަންނެލި ގަތުމުގެ ތައްޔާރީތައް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިފްކޯގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ކޫއްޑޫގެ މަސް ފެކްޓްރީގެ ހާލަތު ރަނގަޅު ކުރުމަށް ވެސް އެ ކުންފުނިން ވަނީ މަސައްކަތްތަކެއް ރާވައިފައެވެ. އެ މަސައްކަތްތަކަކީ މިވަގުތަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި، ރާއްޖޭގައި އަމިއްލަ ފަރާތަކުން އިންވެސްޓް ކޮށްފައިވާ އެންސިސް މަސް ފެކްޓްރީއާ ހަވާލުވުމަށް އެ ކުންފުނިން ވަނީ ނިންމައިފައެވެ. އެގޮތުން ކަމާ ގުޅޭ ދިރާސާތައް ނިންމައި، އެންސިސްއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.


