ރޯދަމަހުގެ ސުފުރާތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އެކި ބާވަތްތަކުގެ ކެއުންތައް ތައްޔާރުކުރުމަކީ ދިވެހިންގެ އާދައެކެވެ. އެގޮތުން މިއަދު ”ރޯދަ ބަދިގެ“ އިން މި ގެނެސްދެނީ، ނަމުންވެސް އެނގޭ ފަދައިން ވަރަށް ކުޅިކޮށް ތައްޔާރުކުރާ ”މިރުހުލީ ކުކުޅު“ ރެސިޕީއެވެ. މިއީ ގާތްގަނޑަކަށް 4 މީހުންނަށް ފުދޭވަރަށް ތައްޔާރުކުރެވޭނެ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި:
- 900 ގްރާމް ކަރީކަޓް ޗިކަން (ހަންގަނޑު ނުލައި)
- 17 ހިކި މިރުސް (ނޫނީ ބޭނުން ވަރަކަށް)
- 1 މޭޒުމަތީ ސަމުސާ މުގުރި ދަވިއްގަނދު
- 1 މޭޒުމަތީ ސަމުސާ މުގުރި ދިރި
- 1 ސައިސަމުސާ ރީނދޫ
- 8 ކާފޫރުތޮޅި
- 3 ފިޔާ
- 4 އިންޗީގެ ރާނބާ ފަތްކޮޅެއް
- ½ އިންޗީގެ އިނގުރު ކޮޅެއް
- 1 އިންޗީގެ ފޮނިތޮށި ކޮޅެއް
- 4 ލޮނުމެދު
- 4 ހިކަނދިފަތް
- 1 ޖޯޑު ހުނި
- ½ ޖޯޑު ބޯކިރު
- 1 ޖޯޑު ފެންކިރު
- 1 މޭޒުމަތީ ސަމުސާ ތެޔޮ
- ރަހަލާވަރަށް ލޮނު (ގާތްގަނޑަކަށް 2 ސައިސަމުސާ)
ހަވާދުގަނޑު ތައްޔާރުކުރުން:
ފުރަތަމަ އެއް ފިޔަޔާއި 2 ލޮނުމެދު އަދި އިނގުރުކޮޅު ކޮށާލުމަށްފަހު، ހިކިމިރުހުގެ ތަނޑިތައް އުފުރާލާށެވެ. އެއަށްފަހު މިކްސަރަށް މިތަކެއްޗާއިއެކު ދަވިއްގަނދު، ދިރި، ރީނދޫ، 2 ހިކަނދިފަތް، ½ އިންޗީގެ ފޮނިތޮށި، ހުނި އަދި 6 ކާފޫރުތޮޅިން ނަގާފައިވާ އޮށްކޮޅު އަޅައިގެން ހިމުންވަންދެން މުގުރާށެވެ. މާހިކިކޮށް ހުރިހެން ހީވާނަމަ ކުޑަ ފެންކޮޅެއް އެއްކޮށްލެވިދާނެއެވެ.
ރިހަ ކެއްކުން:
ބާކީ ހުރި ފިޔާކޮޅާއި ލޮނުމެދު ތުނިކޮށް ކޮށައި، ބާކީހުރި ކާފޫރުތޮޅި ކޮޅުގެ ކޮޅުތައް ބުރިކޮށްލާށެވެ. ބޮޑު ތެއްޔަކަށް ¼ ޖޯޑު ބޯކިރާއި 1 މޭޒުމަތީ ސަމުސާ ތެޔޮ އެޅުމަށްފަހު އުނދުން މައްޗަށް އުދާށެވެ. ތެލާއި ކިރު ހޫނުވާން ފެށުމުން އޭގެ ތެރެއަށް ފިޔާކޮޅާއި ލޮނުމެދާއި ކާފޫރުތޮޅިއާއި ހިކަނދިފަތްކޮޅާއި ރާނބާފަތާއި، ބާކީއޮތް ފޮނިތޮށިކޮޅު އަޅާލާށެވެ.
ފިޔާކޮޅު ރަތްވާން ފަށަންދެން ކެއްކުމަށްފަހު، އޭގެތެރެއަށް ކުކުޅުކޮޅާއި ލޮނުކޮޅު އަޅާލައި ރަނގަޅަށް އެއްކޮށްލާށެވެ. ތެލީގައި މަތިޖަހައިގެން ކުކުޅުކޮޅު ރޯފިލަންދެން ކައްކާށެވެ. ކުކުޅުކޮޅު ރޯފިލުމުން ކުރިން ތައްޔާރުކުރި ހަވާދުގަނޑާއި ފެންކިރުކޮޅު ތެއްޔަށް އަޅައި، ގިނި މަޑުކޮށްގެން 20 މިނެޓުވަރު ކައްކާލާށެވެ.
ކައްކާ ނިމި އުނދުން ނިވާލުމުގެ ކުރިން ބާކީހުރި ބޯކިރުކޮޅު ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު ލޮނު ހެޔޮވަރުކޮށްލާށެވެ. މިހާރު މިވަނީ ރޯދަ ވީއްލާ ގަޑިއަށް ނުވަތަ ހާރަށްވެސް ކާލަން ވަރަށް މީރު މިރުހުލީ ކުކުޅު ތައްޔާރުވެފައެވެ.





