ކޮއްތު ރޮށްޓަކީ އަވަށްޓެރި ސްރީލަންކާގެ މަޝްހޫރު ކެއުމެއް ނަމަވެސް، ފަހަކަށް އައިސް މިއީ ދިވެހިންގެ މެދުގައިވެސް ނުހަނު މަގުބޫލު ކެއުމެކެވެ. ޚާއްޞަކޮށް ރަމަޟާން މަހުގެ ރޯދަވީއްލުމަށާއި ހާރުކެއުމަށް ދިވެހި ވަޅޯމަސް އަޅައިގެން ތައްޔާރުކުރާ ކޮއްތު ރޮށްޓަކީ މިހާރު ގިނަ ބައެއްގެ އިސްތިޚާބެކެވެ.
މި ރެސިޕީއަކީ ގާތްގަނޑަކަށް 4 އާއި 6 މީހުންގެ އާއިލާއަކަށް ފުދޭނެ މިންވަރެކެވެ.
ބޭނުންވާ ތަކެތި:
މި ކެއުން ތައްޔާރުކުރުމަށް ބޭނުންވަނީ 5 ޗަޕާތީ (ކަވަން ބްރޭންޑްގެ ޗަޕާތީ ރަނގަޅުވާނެ)، 2 ފިޔާ، 2 ޖޯޑު ކޮށާފައި ހުރި ކެބެޖް، 1 ކެރެޓު، 2 ހިކި މިރުސް، 4 ލޮނުމެދު، 1 އިންޗީގެ އިނގުރު، 4 ހިކަނދިފަތް، 2 ކާފޫރު ތޮޅި، 1 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު، ½ 1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް، ½ ސައިސަމުސާ ދިރި ޕައުޑަރ، 1 މޭޒުމަތީ ސަމުސާ ތެޅި މިރުސް، 2 މޭޒުމަތީ ސަމުސާ ޑާކް ސޯޔާ ސޯސް، 1 ޖޯޑު ކޮށާފައިހުރި ވަޅޯމަސް، 1 ބޮޑު ޓޮމާޓޯ، 2 ބިސް އަދި 1 މޭޒުމަތީ ސަމުސާ ތެޔޮވެ.
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ޗަޕާތީތައް ފިހެލުމަށްފަހު، ކޮންމެ އެތިކޮޅެއްގައި ½ އިންޗި ހުންނާނެހެން ކޮށާލާށެވެ. ފިޔާކޮޅު ތުނިކޮށް ކޮށާފައި، ކެރެޓުތައް ދިގުކޮށް ކޮށާލާށެވެ. އެއަށްފަހު ޓޮމާޓޯ، ލޮނުމެދު، އިނގުރު، ހިކި މިރުސް، ހިކަނދިފަތް، ކާފޫރުތޮޅީގެ އޮށް އަދި ފިޔާގެ ކުޑަ މިންވަރެއް މިކްސަރުން ގިރުވައިގެން ޕޭސްޓެއް ތައްޔާރުކުރާށެވެ.
ބޮޑު ތެއްޔަކަށް ތެޔޮ އަޅައި ހޫނުވުމުން މި ޕޭސްޓްގަނޑު އަޅައި މިނެޓެއްހާއިރު ކައްކާލާށެވެ. ދެން ސޯޔާ ސޯސް، ޓޮމާޓޯ ޕޭސްޓް، ދިރި، ތެޅި މިރުސް އަދި ހަވާދުކޮޅު އަޅައި އެއްކޮށްލާށެވެ. ރަހަބަލައި ލޮނާއި ކުޅިމިން ހެޔޮވަރުކުރުމަށްފަހު، ބާކީ ހުރި ފިޔާކޮޅު އަޅައި މަޑުވަންދެން ކައްކާށެވެ.
ގިނި ގަދަކޮށްލުމަށްފަހު ކެރެޓު، ވަޅޯމަސް އަދި ޗަޕާތީ އަޅައި ކެރެޓު މަޑުވަންދެން އެއްކުރަމުން ކައްކާށެވެ. އެންމެ ފަހުން ކެބެޖުކޮޅު އަޅައި އެއްކޮށްލުމަށްފަހު، ތެލީގެ އެއްފަރާތެއްގައި ބިސްކޮޅު ރިހާލައި، ހުރިހާ ތަކެއްޗާއެކު އެއްކޮށްލުމުން މީރު ވަޅޯމަސް ކޮއްތު ރޮށި ތައްޔާރުކޮށް ނިމުނީއެވެ.
މިއީ މި ރަމަޟާން މަހު ގޭގައި ތައްޔާރުކޮށްލަން ނުހަނު ފަސޭހަ އަދި ރަހަ މީރު ކެއުމެކެވެ.





