ބަރަކާތްތެރި ރޯދަމަހުގެ ސުފުރާތައް ފަޅުފިލުވައިދިނުމަށް ”ރޯދަ ބަދިގެ“ ސެގްމެންޓުގެ ތެރެއިން މިއަދު މި ގެނެސްދެނީ ވަރަށް ފަސޭހައިން އަދި އަވަހަށް ތައްޔާރުކޮށްލެވޭނެ މީރު ރިހައެކެވެ. އެއީ ގިނަބައެއްގެ މެދުގައި މަގުބޫލު ”ކުކުޅު މޭ ރިހަ“ އެވެ.
މި ރިހަ ކައްކާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކީ ކުކުޅު މޭތައް މާބޮޑަށް ކެކުނަ ނުދިނުމަށެވެ. މާބޮޑަށް ކުކުޅު މޭ ކެއްކުމުން އޭގެ މަޑުކަން ފިލައި، ހިތި ރަހައެއް ލާން ފަށާނެތީ އެކަމަށް ފަރުވާތެރިވުން މުހިންމެވެ.
ބޭނުންވާ ތަކެތި (2-3 މީހުންނަށް):
- 450 ގްރާމް ކުކުޅު މޭ
- 1 ފިޔާ (ތުނިކޮށް ކޮށާފައި)
- 3 ލޮނުމެދު (ތުނިކޮށް ކޮށާފައި)
- 10 ހިކަނދިފަތް
- 6 އިންޗީގެ ރާނބާފަތް ކޮޅެއް
- 3 ސައިސަމްސާ ޓޮމާޓޯ ޕޭސްޓް
- 3 ސައިސަމްސާ މުގުރި ދިރި
- 3 ސައިސަމްސާ ތެޅި މިރުސް
- 1 ސައިސަމްސާ ލޮނު (ނޫނީ ރަހަލާވަރަށް)
- ½ ޖޯޑު ކާށިކިރު
- 2 މޭޒުމަތީ ސަމްސާ ތެޔޮ
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކުކުޅު މޭތައް ރަނގަޅަށް ސާފުކޮށްލުމަށްފަހު، ކޮންމެ މެއެއް ދެ ފަޅިއަށް ފަޅާލާށެވެ. އެއަށްފަހު ބޯތައްޓެއްގައި ކުކުޅު މެއާއި، ތެޅި މިރުހާއި، ޓޮމާޓޯ ޕޭސްޓް އަދި ލޮނުކޮޅު ރަނގަޅަށް އެއްކޮށްލުމަށްފަހު މަތިޖަހާފައި 15 ވަރަކަށް މިނެޓު ވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ.
ދެން ތެއްޔަކަށް ތެޔޮކޮޅު އަޅައި ހޫނުވުމުން، އޭގެ ތެރެއަށް ފިޔައާއި، ރާނބާފަތް އަދި ހިކަނދިފަތް އަޅައިގެން މީރުކުރާށެވެ. ފިޔާކޮޅު ރަތްވާން ފެށުމުން ލޮނުމެދުކޮޅު އަޅާލާށެވެ. ލޮނުމެދުކޮޅު މަޑުވުމުން ދިރިކޮޅު އަޅައި އެއްކޮށްލުމަށްފަހު 30 ސިކުންތު ވަންދެން ބަހައްޓާށެވެ.
އެއަށްފަހު ގިނި މަޑުކޮށްލުމަށްފަހު، ކުރިން މެރިނޭޓް ކުރަން ބެހެއްޓި ކުކުޅު މޭކޮޅާއި ކާށިކިރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ތެލީގެ މަތިޖެހުމަށްފަހު ގާތްގަނޑަކަށް 20 މިނެޓު ވަންދެން ކައްކާށެވެ. އެންމެ ފަހު ކަމެއްގެ ގޮތުން، އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލައި، ރަހަ ހެޔޮވަރުކޮށްލުމުން މީރު ކުކުޅު މޭ ރިހަ ތައްޔާރުވީއެވެ.
މިއީ ރޯދަ ވީއްލާ ގަޑީގައި ބަތް ނުވަތަ ރޮށްޓާއެކު އިންސާފުކޮށްލަން ވަރަށް ކަމުދާނެ ސިއްހީ ގޮތުންވެސް ފައިދާހުރި ކާނާއެކެވެ.





