ސަރުކާރާ އިދިކޮޅު ފިކުރެއްގެ ކައުންސިލްތަކެއް އިންތިޚާބުވެއްޖެ ނަމަ، ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ރައީސް މުއިއްޒު އިންތިޚާބުކޮށްފައިވަނީ އެމަނިކުފާނު ހުށަހެޅުއްވި ސިޔާސަތުތައް ބަލައިގަންނާތީ ކަމަށެވެ. ނަމަވެސް، އެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތް ކުރާއިރު، ދައުލަތުގެ މުއައްސަސާތަކާއި ކައުންސިލްތަކުން އެ ނޫން ގޮތަކަށް ކަންކަން ބައްޓަންކުރަން އުޅުމަކީ މަސައްކަތްތަކަށް އެޅޭނެ ހުރަހެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުގެ ސުވާލަކީ އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ މުއައްސަސާތަކުން އަޅުގަނޑުމެންނަށް އެކަން ކުރުމަށް މަގުފަހި ނުވާގޮތަށް ކަންކަން ބައްޓަންކޮށްފިއްޔާ އޭރު އަޅުގަނޑުމެން ބޭނުންވި ކަންކަން ހާސިލުކުރެވޭނެތޯ؟ އެ ސުވާލު އަޅުގަނޑު މި ކުރީ. ހަމަ ޔަގީނުންވެސް ވަރަށް ދަތިވާނެ،“ ރާފިއު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސްގެ ސިޔާސަތުތަކުން ރައްޔިތުންނަށް ފުރިހަމަ ނަތީޖާ ހާސިލުކުރެވޭނީ މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުންނަކީ ރައީސް މުއިއްޒުގެ ފިކުރާއި ތަސައްވުރާ އެއްގޮތަށް މަސައްކަތްކުރާ ބަޔަކަށް ވެގެން ކަމަށެވެ. އަދި ސަރުކާރާ ”އިދިކީލި“ ކައުންސިލްތަކެއް އޮތުމަކީ ރިޔާސީ ވައުދުތައް ފުއްދުމުގައި ދަތިތަކެއް އިހުސާސްކުރަންޖެހޭނެ ކަމެއް ކަމަށް ވިދާޅުވެ، އެކަމާ މެދު ފުންކޮށް ވިސްނުމަށް ރައްޔިތުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.
ރާއްޖެއަށް އަމާންކަމާއި ތަރައްގީ ގެނެވޭނީ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓުން އިންތިޚާބުކޮށްގެންކަން ފާހަގަކުރައްވަމުން ރާފިއު ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، އޯގާތެރި އަދި އިޚުލާސްތެރި ބައެއް ކަމަށެވެ. ވުމާއެކު، ސަރުކާރުގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލަރުން ހޮވުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.





