ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ”ފުޓްބޯލް ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމިޓީ“ ގެ މެންބަރަކަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަލްފާޟިލާ ޙައްވާ ނަޞްރާ ސައީދު އައްޔަނުކޮށްފިއެވެ.
ފީފާއިން ނަސްރާ މި ކޮމިޓީއަށް އައްޔަނުކޮށްފައިވަނީ ހަތަރު އަހަރުގެ ދައުރަކަށެވެ. އެގޮތުން އޭނާގެ މި ދައުރު ހަމަވާނީ 2029 ވަނަ އަހަރުގެ ނިޔަލަށެވެ. މިއީ ބައިނަލްއަގުވާމީ ފުޓުބޯޅައިގެ އެންމެ މަތީ އިދާރާގެ މުހިއްމު ކޮމިޓީއަކުން ދިވެއްސަކަށް ލިބިގެންދިޔަ ފަހުރުވެރި ފުރުސަތެކެވެ.
ފީފާގެ ފުޓްބޯލް ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމިޓީއަކީ ފުޓުބޯޅައިގެ ޒަރީއާއިން އިޖުތިމާއީ ޒިންމާ އަދާކުރުމަށް އުފައްދާފައިވާ މުހިއްމު ގޯލްޑީއެކެވެ. މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމާއި، ފުޓުބޯޅަ ކޮމިއުނިޓީތަކުގެ އެހީގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހެޔޮ ބަދަލުތައް ގެނައުން ހިމެނެއެވެ. މީގެ އިތުރުން ތިމާވެށީގެ މުހިއްމު މައްސަލަތަކަށް ވަކާލާތުކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުމަކީވެސް މި ކޮމިޓީގެ މުހިއްމު އަމާޒެކެވެ.
އދ. މަހިބަދޫއަށް އުފަން ނަސްރާއަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ތައުލީމީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ނަސްރާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހިރިޔާ ސްކޫލުގައެވެ.
ކުޅިވަރުގެ ދާއިރާއިންނާއި އިޖުތިމާއީ ދާއިރާއިން ނަސްރާ ހޯއްދެވި މި ކުރިއެރުމަކީ ދިވެހި އަންހެނުންނަށާއި މުޅި ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.





