ބަރަކާތްތެރި ރަމަޟާން މަހުގެ ސުފުރާތައް ފަޅުފިލުވައިދިނުމަށްޓަކައި ”ރޯދަ ބަދިގެ“ ސެގްމަންޓުގެ ދަށުން މިއަދު މިގެނެސްދެނީ ދިވެހިންގެ ތެރޭގައި މަގުބޫލު މާޅޮސްކެޔޮ ބޭނުންކޮށްގެން ތައްޔާރުކުރެވޭނެ މީރު ކެއުމެކެވެ. މާޅޮސްކޭލަކީ ތަފާތު ގިނަ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންކުރާ އެއްޗަކަށްވާއިރު، މިފަހަރު މި ހިއްސާކޮށްލަނީ ”މާޅޮސްކޭލު ހިކިރިހަ“ ތައްޔާރުކުރާނެ ގޮތެވެ.
މި ރެސިޕީއަކީ ގާތްގަނޑަކަށް 3 މީހުންގެ އާއިލާއަކަށް ފުދޭނެ މިންވަރެކެވެ.
ބޭނުންވާ ތަކެތި:
މި ރިހަ ތައްޔާރުކުރުމަށްޓަކައި 4 މާޅޮސްކެޔޮ، 1/4 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ހިކިމަސް، 1 ފިޔާ، 12 ހިކަނދިފަތް، 3 އިންޗީގެ ރާނބާފަތްކޮޅެއް އަދި 2 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް ބޭނުންވާނެއެވެ. ހަވާދު ތައްޔާރުކުރުމަށް 2 މޭޒުމަތީ ސަމުސާ ކޮތަނބިރި، 1 މޭޒުމަތީ ސަމުސާ ދަވިއްގަނދު، 1/2 މޭޒުމަތީ ސަމުސާ ދިރި، 1/2 މޭޒުމަތީ ސަމުސާ އަސޭމިރުސް އަދި 5 ހިކި މިރުސް ބޭނުންވާނެއެވެ. މީގެ އިތުރުން 1/3 ސައިސަމުސާ ރީނދޫ، 1/4 ޖޯޑު ބޯކިރު، 3/4 ސައިސަމުސާ ލޮނު، 1.5 ސައިސަމުސާ ހަކުރު، 1 ޖޯޑު ތެޔޮ (ތެލުލުމަށް) އަދި 2 މޭޒުމަތީ ސަމުސާ ތެޔޮ (ކެއްކުމަށް) ބޭނުންވާނެއެވެ.
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ހަވާދު ތައްޔާރުކުރުމަށްޓަކައި ތަވައެއް ހޫނުކޮށް ކޮތަނބިރި އާއި އަސޭމިރުސް އަޅާލާށެވެ. އެތަކެތި ފުމެން ފެށުމުން ދަވިއްގަނދާއި ހިކިމިރުސް އަޅައި މުށިކުލަ އަރަންދެން ހޫނުކުރާށެވެ. އެއަށްފަހު ދިރިކޮޅު އަޅާފައި 30 ސިކުންތު ބެހެއްޓުމަށްފަހު، ހިހޫވުމުން މިކްސަރުން ހިމުންކޮށް މުގުރާލާށެވެ.
މާޅޮސްކެޔޮ ތައްޔާރުކުރުމަށްޓަކައި، ކެޔޮތައް މަށާލުމަށްފަހު އިންޗިއެއްގެ ބޯމިނަށް ފޮތިކޮށް، ފެން އެއްޗެއްގެ ތެރޭގައި 10 މިނެޓު ބަހައްޓާށެވެ. އެއަށްފަހު ފެން ހިއްކާލުމަށްފަހު، ތެޔޮގަނޑެއްގައި ރަން މުށިކުލަ އަރަންދެން ތެލުލާފައި ފުރާނާލާށެވެ.
ރިހަ ކެއްކުމަށްޓަކައި، ތެއްޔަކަށް 2 ސަމުސާ ތެޔޮ އަޅައި ހޫނުވުމުން ފިޔާ، ރާނބާފަތް އަދި ހިކަނދިފަތް އަޅައި ފިޔާކޮޅު ރަތްވަންދެން ކައްކާށެވެ. ދެން އޭގެ ތެރެއަށް ކުރިން މުގުރި ހަވާދާއި، ތެލުލި މާޅޮސްކެޔޮ، ޓޮމާޓޯ ޕޭސްޓް، ލޮނު، ހަކުރު، ރީނދޫ، ބޯކިރު، ފެން އަދި ހިކިމަސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ތެލީގައި މަތިޖަހައި މަޑުގިނީގައި 5 މިނެޓު ވަންދެން ކައްކާލުމުން މީރު މާޅޮސްކޭލު ހިކިރިހަ ތައްޔާރުކޮށް ނިމުނީއެވެ.
މިއީ ރޯދަވީއްލާ ގަޑީގައި ނުވަތަ ހާރުކެއުމަށްވެސް ބޭނުންކޮށްލެވިދާނެ، ދިވެހިވަންތަ މީރު ރަހައެއް އެކުލެވޭ ކެއުމެކެވެ.





