ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު އަހުމަދު ނިމާލު މިއަދު ހެނދުނު ނިޔާވެއްޖެއެވެ.
އުމުރުން 62 އަހަރުގެ ނިމާލު ނިޔާވީ، މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިމާލުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
1980 ގެ އަހަރުތަކުގެ ތެރޭގައި ފިލްމީ ދާއިރާއަށް ނުކުތް ނިމާލަކީ، ދިވެހި ސިނަމާގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން، މަޝްހޫރު ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ ’ސަޅިބައިސާ‘ ސީރީޒްގައި އޭނާ ކުޅުނު ’ބިރުކުޑަ އަލީ‘ ގެ ރޯލަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ރޯލެކެވެ. މީގެ އިތުރުން 1993 ވަނަ އަހަރު އޭނާ އަމިއްލައަށް ޑައިރެކްޓްކޮށް ލީޑް ރޯލު ކުޅުނު ’ސިޓީ‘ އަކީވެސް ފާހަގަކޮށްލެވޭ ފިލްމެކެވެ.
ނިމާލް ޑައިރެކްޓްކޮށްފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ’ޒަލްޒަލާ’، ’އެ ދަރިފުޅު‘ އަދި ’ވާ ލޯބި އެނގޭ ނަމަ‘ ހިމެނެއެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2022 ވަނަ އަހަރު ރިލީޒްކުރި ’ހެހެސް‘ އެވެ. އަދި ނިޔާވުމުގެ ކުރިން، މިދިޔަ އަހަރުވެސް އޭނާ ވަނީ ’ކަނބުލޮ’، ’އިލްޒާމް’، ’ކޮސް ގިނަ މިސްޓޭކް‘ އަދި ’ލިލީ‘ ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައެވެ.
ފިލްމީ ދާއިރާއަށް ކޮށްދިން އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ 1991 ވަނަ އަހަރު ނިމާލަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަރުވާފައެވެ.
އާއިލީ ގޮތުން ބަލާއިރު، ނިމާލަކީ ކުރީގެ މަޝްހޫރު ބަތަލާ ފާތުމަތު ރަމީޒާގެ ފިރިމީހާއެވެ. އަދި އޭނާއަކީ މިހާރުގެ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ ބައްޕަވެސް މެއެވެ.
ނިމާލުގެ ވަކިވެދިއުމަކީ ދިވެހި ފިލްމީ އާއިލާއަށް ލިބުނު ފޫނުބެއްދޭނެ ވަރަށް ބޮޑު ހުސްކަމެކެވެ.





