މިއީ އޯރިއޯ ބިސްކޯދަށް ލޯބިކުރާ ފަރާތްތަކަށް، މި ރަމަޟާން މަހުގެ ސުފުރާމަތި ފަޅުފިލުވައިލުމަށް ވަރަށް ކަމުދާނެ މީރު ފޮނި އެއްޗެކެވެ. ”އޯރިއޯ ފަޖް“ އަކީ ވަރަށް މަދު ތަކެތި ބޭނުންކޮށްގެން، ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވޭނެ ރެސިޕީއެކެވެ.
މި ރެސިޕީއިން ގާތްގަނޑަކަށް 12 އެތިކޮޅު ތައްޔާރުކުރެވޭނެއެވެ.
ބޭނުންވާ ތަކެތި:
- 270 ގްރާމް ވައިޓް ޗޮކްލެޓް
- ½ ޖޯޑު ގެރިކިރު
- 1 ސައިސަމުސާ ވެނީލާ އެސެންސް
- 20 އޯރިއޯ ބިސްކޯދު
ތައްޔާރުކުރާނެ ގޮތް:
- އެންމެ ފުރަތަމަ ފަޖް ސެޓްކުރުމަށްޓަކައި 9 އިންޗި 6 އިންޗީގެ ތަބަކެއް ތައްޔާރުކުރާށެވެ. ތަބަކުގައި ބޭކިންގް ކަރުދާސް އަޅާށެވެ. ބޭކިންގް ކަރުދާސް ނެތްނަމަ، ތަބަކުގެ އަރިމަތިތަކާއެކު ރަނގަޅަށް ބަޓަރު ނުވަތަ ތެޔޮ އުނގުޅާލާށެވެ.
- އޯރިއޯ ބިސްކޯދުތައް އަތުން ބިންދާލާށެވެ. ކޮންމެ ބިސްކޯދެއް 3 ނުވަތަ 4 ބަޔަށް ވާނޭހެން ބިންދާލުމުން ފުދޭނެއެވެ.
- ނޮން-ސްޓިކް ތެއްޔަކަށް ޗޮކްލެޓާއި ގެރިކިރު އެޅުމަށްފަހު، މަޑު ގިނީގައި ބަހައްޓައިގެން ކައްކާށެވެ. ޗޮކްލެޓްތައް ވިރި، ކިރާއި ރަނގަޅަށް އެއްވަންދެން ގިރަމުން ގެންދާށެވެ. މިކަމަށް ގާތްގަނޑަކަށް 5 މިނެޓް ހޭދަވާނެއެވެ.
- އުނދުން މަތިން ބޭލުމަށްފަހު، އޭގެ ތެރެއަށް ވެނީލާ އެސެންސް އަދި ބިންދާލި އޯރިއޯގެ ދެބައިކުޅަ އެއްބައި އަޅައި އެއްކޮށްލާށެވެ. އެއްކުރާއިރު ބިސްކޯދުތައް ޗަސްވިޔަ ނުދިނުމަށް ސަމާލުކަން ދޭންވާނެއެވެ.
- ތައްޔާރުކުރި ތަބަކަށް މި މިކްސްގަނޑު އޮއްސާލުމަށްފަހު، ދޭފަތަކުން އޮމާންކޮށްލާށެވެ. އަދި ބާކީ ހުރި އޯރިއޯތައް މައްޗަށް އަޅައި، އިނގިލިތަކުން ކުޑަކޮށް އޮއްބާލާށެވެ.
- ފަޖް ސެޓްކުރުމަށްޓަކައި ގާތްގަނޑަކަށް 2 ގަޑިއިރު ވަންދެން ފްރިޖްގައި ބަހައްޓާށެވެ. ރަނގަޅަށް ސެޓްވުމުން ގޮޅިގޮޅިއަށް ކަފާލުމަށްފަހު ސާވްކުރާށެވެ.
މިއީ ފަސޭހަކަމާއެކު ގޭގައި ތައްޔާރުކޮށްލެވޭނެ، ކުޑަކުދިންނާއި ބޮޑެތިމީހުންނަށްވެސް ކަމުދާނެ މީރު ބާވަތެކެވެ.





