ރަމަޟާން މަހުގެ އިފްތާރުގެ ސުފުރާމައްޗަށް އާންމުކޮށް އިތުރުކުރެވޭ އެކި ބާވަތްތަކުގެ ތެރެއިން ސަބްމެރީން އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކެއުމެކެވެ.
ސަބްމެރީންއަކީ ތަފާތު ގޮތްގޮތަށް ތައްޔާރުކުރެވޭ އެއްޗަކަށްވާއިރު، މިއަދު މި ގެނެސްދެނީ ވަރަށް ގިނަ ޗީޒްއާއި ކުޑަކޮށް މުރަނަކޮށް ހުންނަ ކުކުޅު ބޭނުންކޮށްގެން ތައްޔާރުކުރާ މީރު ސަބްމެރީން ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި:
- 3 ސަބްމެރީން ބަނަސް
- 500 ގްރާމް ބޯންލަސް ޗިކަން
- 1 ބޮޑު ފިޔާ، 1 ބޮޑު ޓޮމާޓޯ، ½ ބޮޑު ބެލް ޕެޕަރ
- 4 ލޮނުމެދު، ½ ގިތެޔޮ މިރުސް، ¼ ޖޯޑު ކުދިކޮށް ކޮށާފައިވާ ލީކްސް
- 2 މޭޒުމަތީ ސަމުސާ މެޔޮނެއިސް، 2 ސައިސަމުސާ ޗިލީ ސޯސް
- 6 ފޮތި ޗެޑަރ ޗީޒް
- ¼ ޖޯޑު ތެޔޮ (ކުކުޅު ތެލުލުމަށް) އަދި 2 މޭޒުމަތީ ސަމުސާ ތެޔޮ (މަސްގަނޑު ކެއްކުމަށް)
- 2 ސައިސަމުސާ ބަޓަރު
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކުކުޅުކޮޅު ގާތްގަނޑަކަށް 2 ސެންޓިމީޓަރުގެ ކުދި ގޮޅިތަކަކަށް ކޮށާލާށެވެ. އެއަށްފަހު ތަވައަކަށް ތެޔޮ އަޅާ ހޫނުވުމުން، މަޑު ގިނީގައި ބަހައްޓައިގެން 20 މިނެޓު ވަންދެން ނުވަތަ ކުކުޅުކޮޅު ރަން މުށިކުލަ އަރައި މުރަނަވަންދެން ތެލުލާށެވެ.
ދެން ފިޔާ، ބެލް ޕެޕަރ، ޓޮމާޓޯ އަދި ލޮނުމެދު ވަރަށް ކުދިކޮށް ކޮށާލާށެވެ. އެހެން ތެއްޔެއްގައި ތެޔޮ ހޫނުކުރުމަށްފަހު ފިޔާ، ލީކްސް އަދި ގިތެޔޮ މިރުސް އަޅައިގެން ފިޔާކޮޅު މަޑުވަންދެން މީރުކޮށްލާށެވެ. މީގެ ތެރެއަށް ލޮނުމެދު އަޅާ ބައި މިނެޓު ކެއްކުމަށްފަހު، ބެލް ޕެޕަރ އަޅައިގެން މިނެޓެއްހާއިރު ކައްކާލާށެވެ.
މަސްގަނޑު ތައްޔާރުކުރުމަށްޓަކައި ޓޮމާޓޯއާއި ކުރިން ތެލުލި ކުކުޅުކޮޅު އަޅައި އެއްކޮށްލުމަށްފަހު، މަތިޖަހައިގެން 4 މިނެޓު މަޑު ގިނީގައި ކައްކާލާށެވެ. އެއަށްފަހު ޗީޒް ފޮތިތައް އަޅައި، ޗީޒްކޮޅު ވިރެންދެން އެއްކޮށްލާށެވެ.
ސަބްމެރީން އެސެމްބަލް ކުރުމަށްޓަކައި މެޔޮނެއިސް އާއި ޗިލީ ސޯސް އެއްކޮށްލާށެވެ. ބަނަސްތައް އަރިމަތިން ފަޅާލުމަށްފަހު، ބޭރުގައި ބަޓަރު އުނގުޅާފައި ތަވައެއްގައި ދެފުށް ޓޯސްޓް ކޮށްލާށެވެ. ބަނަހުގެ އެތެރޭގައި ސޯސް އުނގުޅުމަށްފަހު، ތައްޔާރުކުރި މަސްގަނޑު އަޅާލުމުން މި ފާޑުވެރި ކުކުޅު ސަބްމެރީން ތައްޔާރުކޮށް ނިމުނީއެވެ.





