ދިވެހިންގެ ސުފުރާތަކުގައި އާންމުކޮށް ފެންނަ، ގިނަބައެއްގެ މެދުގައި މަގުބޫލު އެއް ބާވަތަކީ ކުޅި ރިހައެވެ. ކުޅި ރިހަ ކައްކާއިރު އޭގައި ހުތްރަހަ ލެއްވުމަށް އާންމުކޮށް އަހަރުމެން ބޭނުންކުރަނީ ބިލަމަގު، ހުތްއަނބު ނުވަތަ ހެލެނބެލި ކޮޅެކެވެ. ނަމަވެސް، މިފަހަރުގެ ރެސިޕީގައި މިތަކެތީގެ ބަދަލުގައި ބޭނުންކޮށްފައިވަނީ ކޮންމެ ތަނަކުންވެސް ފަސޭހައިން ލިބެން ހުންނަ ޓޮމާޓޯ ޕޭސްޓެވެ.
މި ރެސިޕީއަކީ ގާތްގަނޑަކަށް 4 މީހުންނަށް ވާވަރަށް ތައްޔާރުކުރެވޭނެ މިންވަރެކެވެ.
ބޭނުންވާ ތަކެތި:
- 500 ގްރާމް ކަނޑުމަސް (ގޮޅިކޮށް ކޮށާފައި)
- 1 ފިޔާ އަދި 2 ލޮނުމެދު (ތުނިކޮށް ކޮށާފައި)
- 10 ހިކަނދިފަތް އަދި 6 އިންޗީގެ ރާނބާފަތްކޮޅެއް
- 4 ކާފޫރުތޮޅި އަދި 3 އިންޗީގެ ފޮނިތޮށިކޮޅެއް
- 2 ސައިސަމުސާ މުގުރި ދިރި، ½ ސައިސަމުސާ އަސޭމިރުސް، 3 ސައިސަމުސާ ތެޅި މިރުސް
- 2 ޖޯޑު ފެންކިރު އަދި ¼ ޖޯޑު ބޯކިރު
- 3 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
- ¼ ސައިސަމުސާ ރީނދޫ
- ½ ގިތެޔޮ މިރުސް އަދި 1 ސައިސަމުސާ ލޮނު
- 2 މޭޒުމަތީ ސަމުސާ ތެޔޮ
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ މަސްކޮޅު ގޮޅިގޮޅިއަށް ކޮށާލުމަށްފަހު، ބޯތަށްޓެއްގައި މަސްކޮޅާއި ލޮނާއި، އަސޭމިރުހާއި، ޓޮމާޓޯ ޕޭސްޓް އަދި ތެޅިމިރުސް އެއްކޮށްލާށެވެ. މި މަސްކޮޅު މަތިޖަހާފައި 15 މިނެޓު ވަންދެން ބަހައްޓާލަންވާނެއެވެ. ވަގުތު އޮތްނަމަ އިތުރަށް ބެހެއްޓިދާނެއެވެ. ނަމަވެސް ގިނައިރު ބަހައްޓާނަމަ ފްރިޖުގައި ބެހެއްޓުން މުހިންމެވެ.
ދެން ތެއްޔަކަށް ތެޔޮ އަޅައި ހޫނުވުމުން ފިޔާ، ހިކަނދިފަތް، ރާނބާފަތް، ކާފޫރުތޮޅި އަދި ފޮނިތޮށި އަޅައި، ފިޔާކޮޅަށް މުށިކުލަ އަރަންދެން ކައްކާލާށެވެ. އެއަށްފަހު ލޮނުމެދު އަޅައި މަޑުވުމުން، ދިރިކޮޅާއި ރީނދޫ އަޅައި ވަސްދުވަންދެން ކައްކާލާށެވެ. ދެން ކުރިން ތައްޔާރުކުރި މަސްކޮޅާއި، ގިތެޔޮ މިރުސް އަދި ފެންކިރު އަޅައި އެއްކޮށްލާށެވެ.
މަސްކޮޅު ރޯފިލުމަށްޓަކައި މަތިޖަހައިގެން މަޑު ގިނީގައި 20 އާއި 30 މިނެޓާ ދެމެދު ކައްކާލާށެވެ. އެންމެ ފަހު ފިޔަވަޅަކީ ބޯކިރުކޮޅު އެޅުމެވެ. ބޯކިރު އެޅުމަށްފަހު ރަހަބަލައި ލޮނު ހެޔޮވަރުކޮށްލާށެވެ. ބޯކިރު އެޅުމުގެ ކުރިން ބޯކިރުގެ ތެރެއަށް ކުޑަ ފިޔާކޮޅަކާއި ލޮނުމެދުކޮޅެއް އަޅައި މަތިޖަހާފައި ބެހެއްޓުމަށްފަހު ރިހައަށް އެޅުމަކީވެސް ރިހަ އިތުރަށް މީރުކޮށްލުމަށް ކުރެވިދާނެ ކަމެކެވެ.





