ރަމަޟާން މަހުގެ ސުފުރާމަތި ފަޅުފިލުވައިދޭނެ އެކި ބާވަތްތަކުގެ ފޮނިކާތަކެތީގެ ތެރެއިން ”ފެހި ބޯކިބާ“ އަކީ ދިވެހިންގެ މެދުގައި ނިކަން މަގުބޫލު އަދި އެހާމެ ޚާއްސަ ބޯކިބަލެކެވެ. ރަހަ މީރުވެފައި ސިފަ ރީތި މި ބޯކިބާ ގޭގައި ތައްޔާރުކޮށްލެވޭނެ ފަސޭހަ ރެސިޕީއެއް މިއަދު މި ބަލާލަނީ ”ރޯދަ ބަދިގެ“ އިންނެވެ.
މި ބޯކިބާ ފިހުމަށް އަޅުގަނޑުމެން ބޭނުންކުރީ 20 ސެންޓިމީޓަރުގެ ހަތަރެސްކަން ތަބަކެކެވެ. ބޯކިބާ ތައްޔާރުކުރިއިރު މާފެންފޮދެއް ލިބެން ނެތުމުން އެ ނުލާ ކުރިއަށް ގެންދިޔަ ނަމަވެސް، މި ރެސިޕީ ބަލައިގެން ބޯކިބާ ހަދާއިރު މާފެން އަތުގައި ހުރިނަމަ އެ ބޭނުންކުރުމުން ރަހަ އިތުރަށް ފުރިހަމަވާނެއެވެ.
ބޭނުންވާ ތަކެތި:
- 1 ފިޔާ (ވަރަށް ތުނިކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމުސާ ގިތެޔޮ ނުވަތަ ތެޔޮ
- ¼ ޖޯޑު ފޮތިކޮށްފައިހުރި ކަނަމަދު
- ½ 3 ޖޯޑު ފެން
- 12 އިންޗީގެ ރާނބާފަތް
- 6 އިންޗީގެ ފޮނިތޮށި
- 7 ކާފޫރު ތޮޅި
- 300 ގްރާމް ހަކުރު (1 ޖޯޑާއި ބައި)
- 200 ގްރާމް ފުށް (1 ޖޯޑާއި 1/3)
- ½ 1 ޖޯޑު ބޯކިރު
- 1 ސައިސަމުސާ މުގުރި ފޮނިތޮށި އަދި 1 ސައިސަމުސާ މުގުރި ކާފޫރުތޮޅި
- 2 ބިސް (ގިރާފައި)
- 2-3 ތިކި ފެހި ކާކުލަ
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ތެއްޔެއްގައި ތެޔޮކޮޅު ހޫނުކޮށްލުމަށްފަހު ފިޔާކޮޅު އަޅައި މަޑުވަންދެން ކައްކާށެވެ. ފިޔާ މަޑުވުމުން ކަނަމަދު އަޅައި، ދެބާވަތް އެކުވެ ރަނގަޅަށް ރަތްވަންދެން ކެއްކުމަށްފަހު ވަކި އެއްޗަކަށް ނަގާފައި ބަހައްޓާށެވެ.
ދެން އެހެން ތެއްޔަކަށް ފެން، ރާނބާފަތް، ފޮނިތޮށި އަދި ކާފޫރުތޮޅި އަޅައިގެން މަޑު ގިނީގައި ކައްކާށެވެ. މި ފެންގަނޑު ކައްކާނީ އޭގެ ދެބައިކުޅަ އެއްބަޔަށް ހިނދެންދެނެވެ. މިކަމަށް ގާތްގަނޑަކަށް 20 މިނެޓު ހޭދަވާނެއެވެ. ކެކުމުން ފެންފޮދު ވަކިކޮށްލާށެވެ.
ބޯކިބާ ފިހުމަށްޓަކައި އަވަން 180 ޑިގްރީސް ސެލްސިއަސްއަށް ހޫނުކުރަން ޖައްސާށެވެ. އަދި ތަބަކުގައި ތެޔޮކޮޅެއް އުނގުޅާލާށެވެ. ބޮޑު ތެއްޔެއްގެ ތެރެއަށް ކުރިން ކެއްކި ފެނުގެ ތެރެއިން ½ 1 ޖޯޑު ފެން އެޅުމަށްފަހު، އޭގެ ތެރެއަށް ފުށާއި، ހަކުރާއި، ބޯކިރާއި، ގިރާފައި ހުރި ބިހާއި، ކާކުލަ އަދި މުގުރި ފޮނިތޮށްޓާއި ކާފޫރުތޮޅި އަޅައިގެން ވިސްކަކުން ރަނގަޅަށް އެއްކޮށްލާށެވެ.
އެއަށްފަހު، މި މިކްސްޗަރު އުނދުން މައްޗަށް އުދައި، މަޑު ގިނީގައި ހުރެގެން ހުއްޓާނުލާ ގިރަމުން ކައްކާށެވެ. އޮލަވެ ގިރަން އުނދަގޫވާ ވަރުވުމުން ތަބަކަށް އޮއްސާލާށެވެ. އިނގިލިތައް ތެންމާލުމަށްފަހު މަތި އޮމާންކޮށްލައި، މައްޗަށް ކުރިން ތައްޔާރުކުރި ފިޔާ އަދި ކަނަމަދުކޮޅު ބުރުއްސާލާށެވެ.
އަވަނުގެ މެދު ރެކުގައި ބައިންދައިގެން 20 မိނެޓު ވަންދެން ފިހާށެވެ. ދަތްކޮށްޓިއެއް މެދަށް ހަރާލުމަށްފަހު ނަގާއިރު ސާފުކޮށް އޮތްނަމަ އެހެރީ ބޯކިބާ ފިހެވިފައެވެ. ރޯދަ ވީއްލާ ގަޑިއަށް މި ފެހި ބޯކިބާއަކީ ހަމަ ހުރިހާ ގޮތަކުންވެސް ފުރިހަމަ ބާވަތަކަށް ވާނެއެވެ.





