އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ފައިނަލް މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، ސެނެގާލް އަތުން ތަށި އަތުލައި މޮރޮކޯއަށް ޗެމްޕިއަންކަން ދޭން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ނިންމައިފިއެވެ.
މިއަހަރުގެ އެފްކޯން ފައިނަލްގައި މޮރޮކޯ އާއި ސެނެގާލް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފައެވެ. ނަމަވެސް އިތުރު ވަގުތުގެ ތެރޭގައި ސެނެގާލުން ޖެހި ލަނޑާއެކު 1-0 އިން މެޗު ކާމިޔާބުކޮށް، އެޓީމުން ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ.
މައްސަލަ އުފެދުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، ވީއޭއާރްގެ އެހީގައި ރެފްރީ މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާ ގުޅިގެންނެވެ. އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ސެނެގާލްގެ ކޯޗު ޕަޕޭ ޗާއޯ ވަނީ ކުޅުންތެރިން ދަނޑުން ބާލުވާފައެވެ. ނަމަވެސް ސެނެގާލްގެ ކެޕްޓަން ސަޑިއޯ މާނޭ އިސްނަގައިގެން ކުޅުންތެރިންނާ ވާހަކަދެއްކުމަށްފަހު، އަލުން ދަނޑަށް އަރައި މެޗުގެ ބާކީބައި ވަނީ ފުރިހަމަކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ކާފްއިން ކުރިން ވަނީ ސެނެގާލްގެ ކޯޗު ޗާއޯ ސަސްޕެންޑްކޮށް ޖޫރިމަނާކޮށްފައެވެ. އެހެންނަމަވެސް، މޮރޮކޯއިން މި މައްސަލަ ކާފްގެ އެޕީލް ބޯޑުގައި އިސްތިއުނާފް ކުރުމުން، މައްސަލަ އަލުން ބަލައި ނަތީޖާ ވަނީ އަނެއްކޮޅަށް އަނބުރާލާފައެވެ.
ކާފްގެ އެޕީލް ބޯޑުން މުބާރާތުގެ ގަވާއިދުތަކަށް ރިއާޔަތްކުރުމަށްފަހު ނިންމާފައިވަނީ، ކޯޗުގެ އެންގުމަށް ކުޅުންތެރިން ދަނޑުން ފޭބުމަކީ މެޗު ދޫކޮށްލުން (ފޯފީޓް ކުރުން) ކަމުގައި ބެލެވޭނެ ކަމަށެވެ. އެހެންކަމުން، ގަވާއިދުގެ ދަށުން އެ މެޗުގެ ނަތީޖާއަކީ މޮރޮކޯ 3-0 އިން މޮޅުވުން ކަމަށް ކަނޑައަޅައި، މުބާރާތުގެ ޗެމްޕިއަންކަން މޮރޮކޯއަށް ދިނުމަށް ވަނީ ނިންމާފައެވެ.
ކާފްގެ މި ނިންމުމާ ގުޅިގެން ސެނެގާލްގެ ފުޓުބޯޅަ އިދާރާއިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.





