DHIDAILY ENGLISH
އާދިއްތަ, އޮކްޓޯބަރ 18, 2026
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
No Result
View All Result

ކުރު ވާހަކަ: ފިނިފެންމާ

ނިރު، ޝާހިން މުހައްމަދު by ނިރު، ޝާހިން މުހައްމަދު
މާރޗް 18, 2026
0
ކުރު ވާހަކަ: ފިނިފެންމާ
0
SHARES
239
VIEWS
Share on FacebookShare on Twitter

އެރޭ އަހަރެން ގެއަށް ދާން ހިނގައިގަތީ ހަވީރުއްސުރެ އަހަރެން އިންތިޒާރުކުރަމުން އައި ވަގުތު ޖެހުމުން އުފަލުން ހުރެއެވެ. މީގެ ހަފުތާއެއްހާ ދުވަސްކުރިން އަހަރެން އައީ އެ މަލަށް ފާރަލަމުންނެވެ. އެއީ ޅަދޮނޅުކޮށް ހެދެމުން އައި ފިނިމާގަހެއްގައި ފުރަތަމަ ފޮޅުނު މަލެވެ. އެ މަލަށް އަހަރެންގެ ޝައުޤުއުފެދުނީ އެއީ ފިޔާތޮށި ފިނިފެންމަލަކަށް ވުމަކުންނޫނެވެ. މަލުގެ ސައިޒުންނެވެ. އަހަރެމެންގެ ރަށަކީ ފަސްގަނޑު ރަނގަޅު ރަށެކެވެ. އެމާ އެހާ ބޮޑީ އެހެންވީމާ ކަމަށްވެސް ވެދާނެއެވެ.

އަހަންނަކީ ސްކޫލެއްގެ ޓީޗަރަކީމެވެ. އުމުރުން ވާނީ ބާވީސްވަރަކަށް އަހަރެވެ. އެ ޒަމާނަކީ ޢާންމުކޮށް މީހުން ބުރުގާ އަޅާ އުޅުނު ޒަމާނެއްނޫނެވެ. ޚާއްސަކޮށް ޒުވާން ކުދިންނެވެ. އަހަރެންގެ އޮންނަނީ އެންމެ ބުޅި ނޫނަސް ބުޅި އިސްތަށިގަނޑެކެވެ. އަބަދުވެސް އިސްތަށިގަނޑު އޮންނަނީ އައްސާފައެވެ. ހުޅިއެއް ނުޖަހަމެވެ. ހަވީރުގަޑީގައި ރީތިވެގެން ނުކުންނަ ދުވަސްދުވަހު ދޫކޮށްލާފައި ބާއްވަމެވެ.

އަހަރެން މަސައްކަތްކުރި ސްކޫލްގައި ޖާގައިގެ ދަތިކަން ބޮޑުކަމުން ތިން ސެޝަނަށް ކިޔަވައިދެއެވެ. ކަންދިމާކުރިގޮތުން އަހަރެން ކިޔަވައިދޭން ދަނީ ތިންވަނަ ސެޝަނަށެވެ. އެ ސެޝަން ނިމެނީ ރޭގަނޑު އަށްގަޑި ސާޅީހުންނެވެ.

އެ ރެއަކީ ވެސް އާދައިގެ ރެއެކެވެ. ސެޝަން ނިމުމުން ހެމުން ސަކަރާތްޖަހަމުން އެހެން ޓީޗަރުންނާއެކު އަހަރެންވެސް ނިކުތީ އަވަހަށް ގެއަށް ދިއުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް އަހަރެން ހިތުލައިގެން ހުރި ފިޔާތޮށިފިނިފެންމާ ބިނދެގެންނެވެ. އެގަޑީގައި އެތާ ތިބި ހުރިހާ ޓީޗަރުންނާ އެކު އަހަރެން ނިކުތަސް ހަމަ ނިކުމެވުމާއެކު އަހަރެން ދުއްވައިގަތީމެވެ.

”އަވަހަށް ދާންވީ އެއްކަލަ ބޮޑު ބޮޑު ފިނިފެންމާ ބިންނަން!“ އަހަރެންގެ ސަކަ މިޒާޖުގައި ބުނެލީމެވެ.

”ހޫނ، ބޮނޑިއެއް ނުބޯތި!“ ހަމަ އެހާ ސަކަ ގޮތަކަށް ޝާން ބުނެލިއެވެ. ޝާން އަކީ އަހަރެމެންގެ ތެރޭހުރި އެންމެ ގިނަދުވަސްވީ ޓީޗަރެވެ.

ޝާން ބުނި އެއްޗަކަށް އަހަރެން ސީރިއަސް އެއް ނުވަމެވެ. ދުވެލާފަ ގޮސް ގަސްހައްދާފައިހުރި ބަގީޗާގެ ކަނެއްގައި ހުރި ފިނިފެންމާ ގަހުން އަތް އެއްލައި އެ ފިޔާތޮށި ފިނިފެންމާ ބިނދެލީމެވެ. އަދި އަހަރެންގެ ކަނާތު ކަންފަތްމައްޗާ ދިމާލުން އިސްތަށިގަނޑަށް މާ ޖެހުމަށްފަހު، ފަހަތުން އައި ޓީޗަރުންނަށް ދައްކައިލީމެވެ.

”ވާވް، ހީވަނީ ޕަރީއެއްހެން!“ އެއްކުއްޖަކު ބުނެލިއެވެ.

”އަހަންނަށް ވައްތަރީ ހަންޑިއަކާ!“ ޝާން ބުނި އެއްޗަކަށް އެންމެން އެއްފަހަރާ ހީނގެންފިއެވެ.

އެމީހުންގެ ވާހަކަތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ އަހަރެން ހިނގައިގަތީ އަހަރެންގެ ޑާހޯން ބައިސްކަލާ ދިމާއަށެވެ. ބައިސްކަލް ގަރާޖުން ނެރެގެން އަހަރެން ދުއްވައިލީމެވެ. އެ ވަގުތު އަހަރެންގެ ބޮލުގެ އިސްތަށިގަނޑަށް ފާޑަކަށް ވާންވިކަމުގެ އިހުސާސް ވުމުން މާ ނަގައި އަހަރެންގެ އައްސާލާފައިވާ އިސްތަށިގަނޑުގައި ހުޅިއެއް ޖެހުމަށްފަހު ހުޅީގެ ތެރޭ މާ ފޮރުވައިލީމެވެ.

އަހަރެން ނޫން އެހެން ހުރިހާ ޓީޗަރުންނަކީ އެ ސަރަހައްދަށް ނިސްބަތްވާ ޓީޗަރުންނެވެ. އެކަމަކު އަހަރެން ދިރިއުޅެނީ ރަށުގެ އުތުރުކޮޅުގައި ތަންކޮޅެއް ދުރުގައެވެ. އެހެންކަމުން ދުއްވަން ޖެހެނީ އެހެންމީހުނަށް ވުރެ ދުރަށެވެ.

ޚިޔާލެއް ފިކުރެއް ނެތި ދުއްވަމުން ދިޔަ އަހަރެންގެ ޑާހޯން މަޑުކުރަން ޖެހުނީ ކުއްލިއަކަށެވެ. ބޮޑު ސިންގާ ރުކެއް އަހަރެންގެ ބައިސްކަލުގެ ކުރިމައްޗަށް ހުރަސްވާގޮތަށް ވެއްޓުމުންނެވެ. އަހަންނަށް ބައިސިކަލުން ފޭބުނީއެއް ނޫނެވެ. ފުންމައި ލެވުނީއެވެ. އިސްކޮޅު ދިގު ކުއްޖަކަށް އަހަރެން ވުމުން ފައިވެސް ޖެއްސުނީހެވެ. އެކަމަކު ރުކަކާ އަހަރެން މުޑިޖެހިއްޖެއްޔާ އަނިޔާ ވެދާނެތީ ފުންމައިލެވުނީއެވެ.

ބައިސްކަލުން އަހަރެން ފުންމައިލުމާއެކު އަހަންނަށް އިވުނީ މަގުގެ އެއްފަރާތުން އެއްޗެއް ދަމާ ކޫއްތާ ގެންދާއަޑެވެ. އެ އަޑު އިވުނީ އަތިރި މައްޗާ ވީ ފަރާތު ކަށިކެޔޮ ވަލުންނެވެ. އެކަމަކު އެ އަޑަށް ސަމާލުކަން ނުދީ އަހަރެން ކުރިމައްޗަށް ބަލައިލީމެވެ. އަހަރެންގެ ކުރިމައްޗަކު ރުކެއް ކީއްކުރަން އިލޮއްޓެއް ވެސް ފެންނާކަށް ނެތެވެ. އަހަންނަށް ބޮޑު ޗޮކެއް ކަނޑައިލެވުނެވެ. އަދި އަނެއްކާވެސް ބައިސިކަލަށް އަރައި ދުއްވައިލީމެވެ. އަހަންނަކީ އިވޭހާ އަޑަކަށް ބިރުން އުޅޭ ކުއްޖަކީމެއް ނޫނެވެ.

ގެއަށް ދިޔައިރު މަންމަ ހުރީ އަހަރެން ލަސްވެފައެވެ. ކާން ހަދައިގެންނެވެ. އަހަރެން ހަމަ ފެނުމާއެކު ހެދުން ބަދަލުކޮށްގެން ކާން އަންނަން ބުންޏެވެ. ވެފައިވާ ވަރުބަލީގެ ސަބަބުން އަހަރެން ބޭނުންވީ ކައިގެން ކޮޓަރިއަށް ދާށެވެ. މަންމަ ދެކޮޅެއް ނެހެދިއެވެ. އަހަރެން ގެންގުޅުނު ދަބަސް އެއްފަރާތެއްގައި ހުރި އަދަރާދަ ގޮނޑިމަތީ ބޭއްވުމަށްފަހު އަތް ދޮވެލީ އެއީ އަހަރެންގެ އަބަދުގެ ވެސް އާދައަށް ވާތީއެވެ. އަތުގައި ފެން ޖެހުމާއެކު އަހަރެންގެ އަތްތިލައިގެ މެދުން ކުޑަކޮށް ހޫނުވެލާފައި ހިރުވާ ގޮތެއް ވާން ފެށިއެވެ. އެކަމަކު އެހާ ބޮޑަށް ނޫންވީމާ އަޅައިނުލާ ގޮސް ބިސްމި ކިޔައި ކާން އިށީނީމެވެ. ކައި ނިމުނުއިރު ހިރުވުމުގެ އުދަނގުލެއް ނެތެވެ.

ކަންދިމާކުރި ގޮތުން އެ ދުވަސްކޮޅަކީ ނަމާދުގެ ޗުއްޓީ ދުވަސްކޮޅެވެ. އެހެންކަމުން ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ގޮސް އެނދަށް އަރައި އޮށޯވެއްޖައީމެވެ.

ދުވަސްވަރަކީ މޯބައިލް ފޯނުގެ ޒަމާނެއް ނޫނެވެ. ލޭންޑްލައިން ފޯނުގެ ދުވަސްވަރަށް ވުމުން އަހަރެން އިންތިޒާރުކުރީ ކޮޓަރީ ކުރިމަތީ ބަހައްޓާފައިހުންނަ ކުޑަމޭޒުމަތީ ހުރި ފޯނުގެ ރިންގުގެ އަޑަށެވެ. އެއީ ހުސެން އަހަންނަށް ގުޅާނެކަން އެނގޭތީއެވެ.

މާގިނަ އިރަކު ފޯނަށް އިންތިޒާރުކުރާކަށް ނުޖެހުނެވެ. ފޯނު ރިންގްވިއެވެ. އަހަރެން ވަގު ބުޅަލެއް ހެން ދޮރު ހުޅުވާލާފައި ދުވެގޮސް ފޯނު ނަގައިފީމެވެ. އެހެން ހެދީ މަންމަ ހުސެންއާ ގުޅުން ބާއްވަން ނުގަބޫލުކަން އެނގޭތީ ފޯނު ކުރުން މަނާ ކޮށްފައި އޮތުމުންނެވެ.

އެހެންނަމަވެސް ދެފަހަރު ރިންގްވި އިރުވެސް އަހަރެން ހަމަ އަތްގަނޑު ނަގާއިރަށް ފޯނު ކެނޑެނީއެވެ. އެންމެ ފަހުން އަހަރެން ހުސެންގެ ފޯނަށް ގުޅައިލީމެވެ. އެ ފޯނު އެންގޭޖެވެ. ނުގުޅުނެވެ. އިރުކޮޅަކުން ހުސެން ގުޅައިފާނެކަމަށް ބަލައި އިންތިޒާރުކޮށްލަން މަޑުކޮށްލީމެވެ. އަހަރެން ހުރީ ފޯނަށް ކުރިމަތި ލައިގެން އަހަރެންގެ ކޮޓަރީގެ ފާރުގައި ލެނގިލައިގެންނެވެ. އެއްފައި ކަކުލުހުޅުން ލަނބާލައި ފާރުގައި ވިއްދައިގެންނެވެ. އަހަރެންގެ ނަޒަރު ފޯނަށް ހުއްޓަސް ކުރިމަތީ ހުރި އަހަރެމެންގެ ގޭގޭ މައިފާރުގައި ބަހައްޓާފައިހުރި ކުޑަދޮރުގެ ފޮތިގަނޑުން މީހެއްގެ ހިލަން އަހަންނަށް ފެނުނެވެ. އަހަރެންގެ ސަމާލުކަން އެކަމަށް ދެވުނީ ދެވަނަ ފަހަރަކުވެސް އެ ގޮތަށް ހިލަން ވުމުންނެވެ. ޔަގީނެވެ. ހުސެން އައީއެވެ.

އަހަރެން ކުޑަދޮރު ކައިރިއަށް ޖެހިލައި ކުދަދޮރުގެ ބިއްލޫރިގަނޑުގައި މޫނު ޖެއްސުމަށްފަހު ހުސެން ފެނޭތޯ އެކި ދިމަދިމާއަށް ކަޅި ހިންގައިލީމެވެ. ހުސެން ފެންނާކަށްނެތެވެ. އެހެންކަމުން ކުޑަކޮށް ހިތްހަމަ ނުޖެހުމާއެކު ބުނީމެވެ.

”ވަންނަންޏާ ވަދޭ! އިސާހިތަކު ބައްޕަ އައިސްދާނެ! އޭރުން ދޮރުގައި ތަޅުލާފަ ހުންނާނީ!“ ހުސެން ކައިރީ ވަންނަން ބުނުމަށްފަހު އަހަރެން ވަނީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ތަޅު ނުލާ ބެހެއްޓީމެވެ. އަދި ހުސެންގެ އިންތިޒާރުގައި ދޮރުފަތުގައި ބުރަކަށި ޖައްސާލުމަށްފަހު ދެލޯ މަރައިލައިގެން މަޑުކޮށްލީމެވެ. އެ ވަގުތު އަހަރެންގެ ކަނދުރާއަށް ހޫނުވާހެން ހީވުމުން ދެލޯ ހުޅުވައި ބަލައިލީމެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންގެ ކުރިމަތީ ހުރީ ހުސެންއެވެ. ހުސެންގެ ހިތްގައިމު ސޫރަ ފެނުމުން އަހަންނަށް ހީނލެވުނެވެ. ނަމަވެސް ހުސެން ކޮޓަރިއަށް ވަން ވަގުތަކާމެދު ހިތުގައި ސުވާލު އުފެދުމުން އެ ސުވާލު ނުކޮށެއް ނުހުރެވުނެވެ.

”ހުސެން ކޮން އިރަކު … ކޮންއިރަކު ރޫމަށް ވަނީ!“ އަހަރެންގެ ސުވާލަށް ހުސެން ޖަވާބު ދޭން ބޭނުން ނުވީކަންނޭނގެއެވެ. އަހަރެންގެ އަތުގައި ހިފައި އެނދާ ދިމާއަށް ގެންދިޔައެވެ. އެހެންނަމަވެސް އަހަރެމެންނަކަށް މިނިޓެއްވެސް ނުލިބުނެވެ. އިވުނީ ބައްޕަގެ އަޑެވެ.

”ހަދީ، ކާކާ ވާހަކަ ތި ދައްކަނީ! އަދިވެސް ނުނިދަނީތަ!“ ބައްޕަ ވާހަކަ ދެއްކީ ކޮޓަރީ ކުރިމަތީ ހުރެގެންނެވެ.

”ދޮރުހުޅުވަބަލަ!“ އަނެއްކާވެސް ބައްޕަގެ އަޑެވެ. އަހަންނަށް ހަދާނެ ގޮތެއް ނޭނގުނެވެ. ތެދުވެގެން ހިނގައިގަނެވުނީ ކޮޓަރީގެ ދޮރާ ދިމާއަށެވެ. ހުސެން ވެސް އަހަރެން ހުއްޓުވާކަށް ނޫޅެއެވެ. ނަމަވެސް ދޮރާހަމައިން އަހަރެން ފަސް އެނބުރި ބަލައިލީމެވެ. ހުސެން އެއް ނެތެވެ. އެ ވަގުތު ކޮޓރީގެ ބޭރަށް ހުޅުވެން ހުރި ކުޑަދޮރުގެ ފޮތިގަނޑު މަޑުމަޑުން ދެ އަތަކަށް ހެލިލިއެވެ. އަހަރެން ޝުކުރުކުރީމެވެ. ހުސެންގެ ހުޝިޔާރުކަމުންނެވެ.

ދޮރުހުޅުވިއިރު ބައްޕަ އަހަރެންގެ ކުރިމަތީ ހުއްޓެވެ.

”ދަރިފުޅު ނަމާދުކުރިންތަ!“ އަހަރެން އިސްޖަހައިލުމުން ބައްޕައަށް ވިސްނުނީކަންނޭނގެއެވެ.

”ކުރުސި ކިޔަވައިގެން ބަޤަރާސޫރަތުން ވެސް ދަސްހުރި ހިސާބެއް ކިޔަވއިގެން މިރޭ ނިދާތި! ހަނދާންކުރައްޗެ! ކިޔަވައިގެން ނިދާނީ!“ އަހަރެން ބޯ ޖަހައިލީމެވެ. އަދި ބައްޕަ ބުނި ގޮތަށް އާޔަތްތައް ކިޔަވަން ފެށީމެވެ. އަހަންނަށް ނިދުނީ ކިޔަވާ ކިޔަވާ އޮތްވައެވެ.

”ހަދީ، ހަދީ!“ އަހަންނަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. ހޭލެވުނުއިރު އަހަރެން ރޮނީއެވެ. އަޑުގެ ކޮޅަށެވެ. ދެ އަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފާ ދަމަނީއެވެ. އަނެއްބައި ފަހަރު ކަނާތުގެ ހުދުހަން އެނދާ ފާރުގައި ކާއްތަނީއެވެ.

މަންމަ ހުރީ ނިހާޔަތަށް ކަންބޮޑުވެފައެވެ.

”ދަރިފުޅަށް ކީއްތަވީ! ކޮން ސަކަރާތެއް ތި ޖަހަނީ!“

”ބޮލުގައި ރއްސަނީ.  އަތް ކަހަނީ، ހިރުވަނީ!“ އަހަންނަށް އަނެއްކާވެސް ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމާ ގަނެވިއްޖެއެވެ. ރޮމުންނެވެ.

”ހާދަ ވަރަކަށް އެބަ ރިއްސައޭ!“

”މިރޭ މި މަންޖެއަށް ކީއްތަ ވެގެން މިއުޅެނީ!“ މަންމަ ގޮވީ ބައްޕައަށެވެ. އޭރު ބައްޕަ މަހަށް ދާން ތެދުވެގެން މަހަށް ދާމީހުންނަށް ގޮވަން ހިނގައްޖެއެވެ.

މަންމަ ދުއްވައިގަތެވެ. ބޮޑުބޭބެ ހޯދަންށެވެ. ބޮޑުބޭބެ ދިރިއުޅެނީ އަހަރެމެންގެ ގޭ ކުރިމަތީ އޮތް ގޯޅީގައެވެ. ބޮޑުބޭބެ އައި އިރު ވެސް އަހަރެންގެ ބޮލުގެ ރިހުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ރިއްސާވަރުން ކެތްނުވެގެން އަހަރެން ބޮލުގެ އިސްތަށިގަނޑަށް ހިފާ ދަމަނީއެވެ. އެހެން އުޅުމުގެ ތެރޭގައި އަހަރެންގެ ބޮލުގެ ހުޅިތެރޭ ފޮރުވި ފިނިފެންމާ އެނދުގެ މަގަތަށް ވެއްޓިއްޖެއެވެ. އެ ހިސާބުން ބޮލުގެ ރިހުން ކުއްލިއަކަށް މައިތިރިވެއްޖެއެވެ. އަހަރެން އެންމެ ހައިރާންވީ ބޮލުގެ ހުޅިތެރެއަށް ލީމަލަށް އެއްވެސް ކަހަލަ ބަދަލެއް އައިސްފައި ނެތުމުންނނެވެ. މާ ފެންނަނީ ހަމަ އެ ތާޒާކަންމަތީގައެވެ. މަލަށް ބަލަހައްޓައިގެން ބޮޑުބޭބެ އިރުކޮޅަކުހުއްޓެވެ.

ބޮލުގެ ރިހުން ކެނޑުނަސް އަތްތިލަ ހިރުވުން ދެގުނަ އިތުރުވެއްޖެއެވެ. ބޮޑުބޭބެ ހުރީ އަހަރެން އުފުލަމުން ދިޔަ ވޭން ފެންނަ ހިސާބުގައި ވަރަށް ކައިރީގައެވެ. ހީވަނީ އަހަރެންގެ ހެއަށްވެސް ގޮތްވެފައި ހުރިހެންނެވެ.

އެންމެ ފަހުން މަންމަ ކައިރީ ފެންތައްޓެއް ގެންނަން ބުނުމަށްފަހު ބޮޑު ބޭބެ އަހަރެންގެ މަގަތުން އިށީނދެއްޖެއެވެ. އަދި އަހަރެންގެ އަތްތިލަ ގެންގޮސް ބޮޑުބޭބެގެ އުނގުމަތީ ބާއްވައިގެން އަތްތިލާގައި ހިފަހައްޓައިގެން އިނދެ ކިޔަވަން ފެށިއެވެ. ވަކި ވަރަކަށް ކިޔެވުމަށް ފަހު މަންމަ ފެންތަށި ގެނައުމުން ދެން ކިޔެވީ ފެންތައްޓަށެވެ. އަދި އެންމެ ފަހުން ފެންތަށި އަހަރެން އަތަށް ދިނުމަށްފަހު ބޯލަން ބުންޏެވެ. ހަގީގަތުގައި ފެންތަށި ބުއިމުގެ ކުރިން ވެސް އަހަރެންގެ އަތުގައި ބޮޑުބޭބެ ހިފި ހިސާބުން އަތުގެ ކެހުން ވެސް މައިތިރި ވެއްޖެއެވެ.  

ބޮޑެބޭބެ ގެއަށްދާން ތެދުވެއްޖެއެވެ. އަހަންނާ އެއްވެސް ސުވާލެއް ނުކުރެއެވެ. ދަމުން ދަމުން މަންމަ ގާތު ކޮންމެވެސް އެއްޗެކޭ ބުންޏެވެ. އަޑުމަޑުކަމުން އަހަންނަކަށް ކީ އެއްޗެއް ސާފެއް ނުތްވެވެ.

ބޮޑުބޭބެ ދިއުމުން މަންމަ އައިސް އަހަރެންގެ ކޮޓަރިއަށް ވަދެ އަހަރެންގެ މަގަތުން އިށީނެވެ. އަދި އެކި ކަހަލަ ވާހަކަ ދައްކަމުން ދިޔައެވެ. ސްކޫލުގެ ވާހަކަ އެވެ. ދަރިވަރުންގެ އަޚުލާގުގެ ވާހަކަ އެވެ. އެ ސްކޫލްގެ ބެލެނިވެރިންގެ ވާހަކަ އެވެ. އަދި އެންމެ ފަހުން މަންމަމެން ސްކޫލަށް ދިޔަ ދުވަސްވަރުގެ ވާހަކަ ވެސް ކިޔައިދިނެވެ. އަހަރެން އާފުރޭހެން ހީވީމާ އަހަރެން ކައިރީ މަންމަގެ ފައިތިލަ މޮޑެދޭން ވެސް ދެ ފަހަރަކު ބުންޏެވެ.

މަންމަ އަހަރެންގެ ކޮޓަރިން ނިކުމެގެން ދިޔައީ ފަތިސްނަމާދަށް ބަންގި ގޮވާ އަޑު އިވުމުންނެވެ. އަދި ދަމުން ދަމުން ނިދާލާށޭ ވެސް ބުންޏެވެ.

ހެނދުނު އަހަންނަށް ހޭލެވުނީ ގެއާ އިންވެގެން ހުރި ގޭގައި އުޅޭ، ހުސެންގެ ވަރަށް ގާތް ރައްޓެއްސެއް ކަމުގައިވާ އަދީލް އައިސް އަހަރެންގެ ވާހަކަ އަހާ އަޑަށެވެ! ހިތަށް އެރި އެވެ. ޔަގީނެވެ. ހުސެންގެ ފަރަތުން ކޮންމެވެސް މެސެޖެއް އަހަންނަށް ރައްދުކޮށްދޭން އައީއެވެ. އެހެން ހިތަށް އެރުމުން ކޮޓަރީން ބޯ ނެރެ އަދީލް އަށް ގޮވައިލީމެވެ.

އަދީލްއަށް އަހަންނާ ހަމައަށް އާދެވުނީ ވަގުތުކޮޅެއް ފަހުންނެވެ. އެއީ މަންމަގެ ފަރާތުން އޭނާ ސަލާމަތްވި ހިސާބުންނެވެ.

”އޭ ހުސެން ބުނި ރޭގައި ވަރަށް އުޅުނީމޭ ގުޅަން! ތިގޭ ފޯނު އެންގޭޖް ވެފަ ހުންނާތީ ނުގުޅުނީއޭ! އިއްޔެ ހަވީރު ކުއްލިއަކަށް ފުރަން ޖެހުނީމާ ނުބުނެ އާދެވުނީމައޭ އެހާވަރަކުން ގުޅަން އުޅުނީ ވެސް!“

”އިއްޔެ ހަވީރުއޭ!“ އަހަންނަށް އަނގަ ތަންމިނަށް ހުޅުވައިގެން ހުރެ އަހައިލެވުނެވެ.

”ނުވާނެ އެހެންނެއް! ހުސެން ރޭގައިވެސް … !“ އަހަރެން ބުނަން އުޅުނު ވާހަކަ ހުއްޓައިލީމެވެ.

”ނޫނޭ! ހުސެން ފުރީ އިއްޔެ ހަވީރު! މަ ދިޔައިމޭ ހުސެން ފުރުވަން ވެސް! ކީއްކުރަން އަހަރެމެން ދޮގުހަދަންވީކީ!“ އަދީލް އިތުރަށް ވެސް އޮޅުން ފިލުވައިދިނެވެ.

އަހަރެން ކޮޓަރީގެ ދޮރު ލެއްޕީމެވެ. އަދި މިހިނގި ހާދިސާތަކާމެދު ފުންކޮށް ވިސްނީމެވެ. ބައްޕަ އައިސް ކޮޓަރިއަށް ވަން ވަނުމާ، އަހަރެން ކައިރީ ކުރުސިއާ ބަޤަރާ ސޫރަތް ކިޔަވަން ބުނި ބުނުމާ، ފަތިސް ނަމާދަށް ގޮވަންދެން މަންމަ ހޭލާ އަހަރެންކައިރީ ހޭދަކުރި ކުރުން ވަކި ކަމަކާ އަހަންނަށް ގުޅުވައިލެވުނެވެ.

ހަވީރު ސްކޫލަށް ދާން އަހަރެން ތައްޔާރުވަމުން ދިޔައީ ހަމަ އެހެން ދުވަސް ދުވަހެކޭ ވެސް އެއް ގޮތަށެވެ.

ސްކޫލް ގޭޓުން އަހަރެންގެ ޑާހޯން ގައި ގޮސް ގަރާޖު ކުރިމަތީ މަޑުކޮށްލީމެވެ. އަދި އެހެން ދުވަސްދުވަހުވެސް އަހަރެންގެ ޑާހޯން ބަހައްޓާތަނުގައި ޕާކުކުރުމަށްފަހު ހިނގައިގަތީމެވެ. ކުރީ ރޭ ފިޔާތޮށިފިނިފެންމާ ބިން ފިނިފެންމާ ގަހާ ދިމާއަށެވެ. އެއްވެސް މީހަކު އެތަން ބަލަން ހުރިތޯއެއް އަހަންނެއް ނުބަލަމެވެ. މަޑުމަޑުން ގަހާ ކައިރި ވެލުމަށްފަހު މިރެއަށް ފޮޅެން ތައްޔާރަށް ހުރި ފިނިފެންމަލާ ދިމާއަށް ގުދުވެލާފައި ބުނީމެވެ.

”ކަލޭމެންނަކަށްނު އަހަރެމެން ފެންނަނީ… އަހަރެމެންނަކަށް ކަލޭ މެންނެއް ނުފެނޭނު! މާ ބިންނަން އަހަރެން ކައިރި ވެލީމަ ކަލޭމެން ދެން ހަމަ ދުރަށް ދިޔައިމަ ވީނު! ކޮންމެހެން މީސްމީހުންގެ ސިފަޔަށް ސިފަ ބަދަލުކޮށްގެން، ރޭގަނޑު މަށަށް ނިދިޔަ ނުދީ … ދެން އެކަހަލަ ސަކަރާތެއް ނުޖަހައްޗެ!“ އަހަރެން ހިނގައިގަތީމެވެ. އޭރު މަޣުރިބު ނަމާދު ބަންގީގެ އަޑު ތަންކޮޅެއް ކައިރީ ހުރި މިސްކިތަކުން އިވެމުން ދެއެވެ. އެރެއަށް އިރު އޮއްސުނީވެސް، އަދި އެރޭ ފަސްދީ ފަހުދުވަހަށް އިރު އެރީވެސް އަހަންނަށް ހަމަ އާދައިގެ ދުވަހެއްގެ ގޮތުގައެވެ.

 ނިމުނީ

Related Posts

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

އޮކްޓޯބަރ 17, 2026
މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޮކްޓޯބަރ 17, 2026
ރަމަޟާން މަހު އަޅުކަންކުރުމާއެކު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޚުތުބާގައި ގޮވާލައިފި

އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

އޮކްޓޯބަރ 16, 2026
ބޮކްސާ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

1.8 ކިލޯގެ ޑްރަގާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 16, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

މަޤްބޫލް ލިޔުންތައް

  • ހުޅުމާލޭގައި ދެ ސައިކަލު ޖެހި އަނެއްކާވެސް އެކްސިޑެންޓެއް

    ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެ

    0 shares
    Share 0 Tweet 0
  • އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށްވުރެ މާބޮޑު: ހުކުރު ޚުޠުބާ

    0 shares
    Share 0 Tweet 0
  • ބަނގުރާ ނެޓްވޯކަކާ ގުޅުން އޮތް ދިވެއްސަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާ

    0 shares
    Share 0 Tweet 0
  • މާލޭގެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

    0 shares
    Share 0 Tweet 0
Dhidaily

Dhivehi Studio 2025 © Dhidaily

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • ޚަބަރު
  • ދުނިޔެ
  • ރިޕޯޓް
  • ކުޅިވަރު
  • މުނިފޫހިފިލުވުން
  • ލައިފްސްޓައިލް
  • ފޮޓޯ
DHIDAILY ENGLISH

Dhivehi Studio 2025 © Dhidaily