މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށްޓަކައި، ހެންވޭރު ފެރީ ޓާމިނަލުން ދެމުންގެންދާ އަތޮޅު ފެރީގެ ހިދުމަތްތައް މާފަންނު (ވިލިމާލެ) ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާމިނަލަށް ބަދަލުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން، އެ ދުވަހުން ފެށިގެން ހެންވޭރު ޓާމިނަލުން ފުރާ އަތޮޅު ފެރީތައް ލަފާފުރާނީ މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލޭ ފެރީ ޓާމިނަލުންނެވެ. މި ބަދަލާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އިން ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކުރުމަށްޓަކައި އެ ސަރަހައްދުގެ ފަޅު ބަންދުކުރުމަށް ވަނީ ނިންމާފައެވެ. ސަރުކާރުން ތާވަލުކޮށްފައިވާ ގޮތުގައި މި މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށޭނެއެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައިވާ ގޮތުން، އެންމެ ފުރަތަމަ ބަންދުކުރާނީ ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް އޮތް ސަރަހައްދެވެ. އެ ސަރަހައްދުގެ މަސައްކަތް ނިމުމުން، މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަންބަރު ފާލަމާ ހަމައަށް ބަންދުކުރާނެއެވެ. އަދި އޭޕްރީލް 17 އިން ފެށިގެން ފަސް ނަންބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، މިހާރު ތާވަލުކޮށްފައިވާ ގޮތަށް މަސައްކަތް ކުރިއަށްދާނަމަ، މުޅި މަގުގެ މަސައްކަތް އަންނަ މަހު ނުވަތަ މެއި މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މި ބޮޑު މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް މިހާރު ވަނީ ތާރު އަޅައި ބޭނުންކުރަން ފަށާފައެވެ. މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.





