ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާ ކުރި ބޮޑު މަނަވަރު ”ދަރުމަވަންތަ“ ރޭ ރަސްމީކޮށް ރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އާ ހަވާލުކޮށް، ކޮމިޝަންކޮށް ހިދުމަތަށް ނެރެފިއެވެ.
މިއީ ދިވެހި ކަނޑުގެ ސިފައިންގެ އަރުމާދަށް މިހާތަނަށް ގެނެވުނު އެންމެ ބޮޑު މަނަވަރެވެ.
”ދަރުމަވަންތަ“ މި ނަން ނިސްބަތްވަނީ، ޖަހާލަތާއި ޝިރްކުގެ އަނދިރިކަމުގެ ތެރޭގައި ދިވެހިން ވަނިކޮށް ދެ ދުނިޔޭގެ ސަލާމަތާއި، އަމާންކަމާއި، ރައްކާތެރިކަމުގެ ދީން ކަމަށްވާ އިސްލާމް ދީނަކީ ދިވެހި ދައުލަތުގެ ދީން ކަމުގައި ކަނޑައެޅުއްވި އައްސުލްތާން މުހައްމަދު އިބްނު އަބްދުﷲ ސިރީ ބަވަނަ އާދީއްތަ މަހާރަދުން (ދަރުމަވަންތަ ރަސްގެފާނު)ގެ ނަންފުޅަށެވެ.
ރޭ ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި، ”ދަރުމަވަންތަ“ ނަމުގައި ހިދުމަތަށް ނެރޭ މި އުޅަނދު ތުރުކީ ވިލާތުގެ ފަރާތުން ރާއްޖެއަށް ހަލާލުކޮށްދެއްވީ ތުރުކީވިލާތުގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކާދިރު ޔިލްޑިޒެވެ. މި އުޅަނދާއި ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއެވެ. މި ވަގުތުކޮޅު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނެވެ.
މި މަނަވަރަކީ ޖަރުމަން ވިލާތުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިން ފަރުމާކޮށް، ތުރުކީ ނޭވީގެ ހިދުމަތަށް ނެރެފައިވާ އެޑޯގަން-ކްލާސްގެ ފާސްޓް އެޓޭކާ ކްރާފްޓްގެ އުޅަނދެކެވެ.
މިއީ ތުރުކީގެ އަސްކަރީ ހިދުމަތުގައި ބޭނުން ކުރަމުން ދިޔަ މަނަވަރެއް ކަމަށް ވެއެވެ. އަދި މި މަނަވަރަކީ ތުރުކީ ކަނޑުގެ ގާބިލްކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ މަނަވަރެކެވެ.





