އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރޭގައި ޝަހީދުވި އުމުރުން އެންމެ ހަ އަހަރުގެ ހިންދު ރަޖަބުގެ ވާހަކަ ކިޔައިދޭ ފިލްމު ”ދަ ވޮއިސް އޮފް ހިންދު ރަޖަބު“ އިންޑިއާގައި ދެއްކުން އެ ގައުމުގެ ފިލްމު ސެންސަރު ބޯޑުން މަނާކޮށްފި އެވެ.
މި ފިލްމަކީ މިއަހަރުގެ އޮސްކާ އެވޯޑްގެ ”ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމު“ ކެޓަގަރީން ނޮމިނޭޓްވެ، ބައިނަލްއަގުވާމީ ފެސްޓިވަލްތަކުގައި ހޯދާފައިވާ ފިލްމެކެވެ. ނަމަވެސް، އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) އިން ވަނީ މި ފިލްމަށް ސެޓިފިކެޓް ދޫކުރުމަށް އިންކާރުކޮށްފަ އެވެ.
މި ފިލްމު އިންޑިއާ އަށް އެތެރެކުރި ޑިސްޓްރިބިއުޓަރު މަނޯޖް ނަންދުވާނާ ހާމަކުރި ގޮތުގައި، ސެންސަރު ބޯޑުން މި ފިލްމު މަނާކުރީ މިއީ އިންޑިއާ އާއި އިޒްރޭލާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް ބުރޫ އަރާފާނެ ފަދަ އުފެއްދުމެއް ކަމަށް ބުނެއެވެ. މަނޯޖް ވަނީ މި ނިންމުމާމެދު ނުހަނު ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ފާހަގަކުރި ގޮތުގައި އިޒްރޭލާ ގާތް ގުޅުމެއް ބާއްވާ ހުޅަނގުގެ ބޮޑެތި ގައުމުތައް ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސް ފަދަ ގައުމުތަކުގައި ވެސް މި ފިލްމު ވަނީ ދައްކާފަ އެވެ.
”ދަ ވޮއިސް އޮފް ހިންދު ރަޖަބު“ އަކީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޣައްޒާގައި އިޒްރޭލު ސިފައިން ދިން ރަހުމުކުޑަ ހަމަލާތަކެއްގައި، ކާރެއްގެ ތެރޭގައި ތާށިވި ކުޑަކުޑަ ހިންދު ރަޖަބުގެ ހަގީގީ ހާދިސާގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ހާދިސާގައި ހިންދު ސަލާމަތް ކުރުމަށް ދިޔަ އެމްބިއުލާންސްގެ ދެ ޕެރަމެޑިކުންނާއި، އޭނާގެ އާއިލާގެ މެންބަރުން ވެސް ވަނީ އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުކޮށްލާފަ އެވެ.
މި ހާދިސާއަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އިޒްރޭލުގެ އިސްތިއުމާރީ ސިފައިންގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރި ހިތްދަތި ހާދިސާއެކެވެ. އިންޑިއާގެ މި ނިންމުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެ ގައުމުގެ ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.





