ރޯދަމަހަކީ ތަފާތު މީރު ކާނާތައް ތައްޔާރުކުރުމަށް ދިވެހިން އަބަދުވެސް ޚާއްޞަ ސަމާލުކަމެއްދޭ މަހެކެވެ. އެގޮތުން މިފަހަރުގެ ރޯދަ ބަދިގެއިން މި ގެނެސްދެނީ، ރޯދަވީއްލުމަށާއި ހާރުކެއުމަށް ރޮށްޓާއިއެކު މޮޑެލައިގެން ކާލަން ވަރަށް މީރު އަދި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ”ވަޅޯމަހު ކުޅިރިހަ“ އެކެވެ. މިއީ ގާތްގަނޑަކަށް 2 ނުވަތަ 3 މީހުންނަށް ފުދޭވަރަށް ތައްޔާރުކުރެވޭނެ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި:
- 1 ޖޯޑު ވަޅޯމަސް (1/2 އިންޗީގެ ބޯމިނަށް ކޮށާފައި)
- 1 ފިޔާ (ތުނިކޮށް ކޮށާފައި)
- 2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
- 2 މޭޒުމަތީ ސަމުސާ ތެޔޮ
- 12 ހިކަނދިފަތް
- 6 އިންޗީގެ ރާނބާފަތް (ދެ ބުރި ކޮށްލާފައި)
- ¼ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)
- ½ ސައިސަމުސާ މުގުރި ދިރި
- 2 މޭޒުމަތީ ސަމުސާ ތެޅި މިރުސް
- 3 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
- 1 މޭޒުމަތީ ސަމުސާ ފެން
- ¾ ސައިސަމުސާ ލޮނު (ރަހަ ބަލާފައި)
- 2 ޖޯޑު ފެން ކިރު
- ¼ ބޯކިރު
- ¾ ސައިސަމުސާ ލުނބޯހުތް
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ވަޅޯމަސްތައް ބައި އިންޗި ހުންނަވަރަށް ކޮށާލުމަށްފަހު، ފިޔާ އާއި ލޮނުމެދު ތުނިކޮށް ކޮށާލާށެވެ. އެއަށްފަހު ތެއްޔަކަށް ތެޔޮ އަޅާ ހޫނުވުމުން ފިޔާ، ލޮނުމެދު، ހިކަނދިފަތް އަދި ރާނބާފަތް އަޅާފައި މެދު ގިނީގައި ފިޔާކޮޅަށް ރަންކުލަ އަރަންދެން ކައްކާށެވެ.
ދެން އޭގެ ތެރެއަށް ވަޅޯމަހާއި ގިތެޔޮމިރުސް އަޅާ މިނިޓެއްހާއިރު އެއްކޮށްލުމަށްފަހު، ދިރި، ތެޅި މިރުސް އަދި ލޮނު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓޮމާޓޯ ޕޭސްޓާއި އެއް ސަމުސާ ފެން އަޅާ އަނެއްކާވެސް މިނިޓެއްހާއިރު ކައްކާލާށެވެ.
މި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ފެން ކިރު އަޅާފައި މަޑު ގިނީގައި 5 މިނިޓު ވަންދެން ކައްކާލާށެވެ. (ފެން ކިރު ތައްޔާރުކުރުމަށް ބައި ޖޯޑު ބޯކިރާއިޮ ދޮޅު ޖޯޑު ފެން ބޭނުންކުރެވިދާނެއެވެ). އެންމެ ފަހުން ބޯކިރުކޮޅު އަޅާފައި ބައި މިނިޓެއްހާއިރު ކައްކާލުމަށްފަހު، އުނދުން ނިވާލާފައި ލުނބޯހުތް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
މިހާރު މިވަނީ ރޮށްޓާއިއެކު ކާލަން ވަރަށް ކުޅި މީރު ވަޅޯމަހު ރިހައެއް ތައްޔާރުވެފައެވެ. ރަހަ ބަލާލުމަށްފަހު ބޭނުންވާ ވަރަށް ލޮނު ހެޔޮވަރުކޮށްލެވިދާނެއެވެ.





