ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަ ދިގުލައިގެންދާނަމަ، ރައްޔިތުންނަށް ތަކުލީފެއް ނާންނާނެހެން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
މިކަމަށްޓަކައި ޚާއްސަކޮށް އުފައްދާފައިވާ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ އަސަރުތައް ސަރުކާރުން ވަރަށް ގާތުން ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި މި ޙާލަތާ ގުޅިގެން ވަގުތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ދުރުރާސްތާގެ ފިޔަވަޅުތައްވެސް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖެއަށް ބޭނުންވާ ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. ރާއްޖެއަށް ތެޔޮ އެތެރެކުރަނީ މެދުއިރުމަތިން ކަމަށްވާތީ، ތެޔޮ ހޯދުމުގައި ވަކި ބައެއްގެ މައްޗަށް ބަރޯސާނުވެ، އެ ޚިދުމަތް ހޯދާ މަސްދަރުތައް އިތުރުކުރުމަށް (ޑައިވަރސިފައި ކުރުމަށް) އަވަށްޓެރި ޤައުމުތަކާއެކު މަޝްވަރާކޮށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ޤައުމުތަކެއްކަން ހާމަކުރައްވާފައެއް ނުވެއެވެ.
މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގައި ތަކެތީގެ ސްޓޮކް ރައްކާކުރެވޭ މިންވަރު ނުވަތަ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ ޕްލޭންތައް އެކުލަވާލަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
”ތެލުގެ ކަންކަމުގައި މަޝްވަރާ ކުރަމުންދަނީ ވަކި ޤައުމަކަށް ބަރޯސާނުވެ އެ ޚިދުމަތް ހޯދުން ޑައިވަރސިފައިކުރަން. އަދި ޒަރޫރީ ކާބޯތަކެތި ހޯދުމަށް އިތުރު މާކެޓް ތަކާއެކު ކުރަމުންދާ މަސައްކަތްތައްވެސް އިތުރު ހަރުފަތަކަށް ގެންދެވިއްޖެ. ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަން ޕްލޭންތައް ދަނީ ހަދަމުން،“ ވަޒީރު ޚަލީލު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ހަނގުރާމަ ދިގުލައިގެންދާ ނަމަ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކަކީ ރައްޔިތުންނަށް އެއްވެސް ބުރައަކަށް ނުވަތަ ތަކުލީފަކަށް ނުވާނެ ފަދަ ފިޔަވަޅުތަކަކަށް ހެދުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.
ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ޔޫއޭއީގެ ފުޖޭރާ ސަރަޙައްދުގައި ތިބި ތިން ދަރިވަރަކު ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ބޭރުގައި ތިބޭ ދިވެހިންނާއި ދަރިވަރުން އެ ޤައުމުތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ވަޒީރު ވަނީ ހަނގުރާމައިގެ އެއްވެސް ހަރަކާތަކަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމަށާއި، އަދި މިހާތަނަށްވެސް އެފަދަ ހުއްދައެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފައެވެ.






Citizen van mean this to up coming danger