ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހޯމް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުންގެ އެންމެ މަތީ ވެރިޔާ ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވާން އޮތީ މިއަދުގެ މެންދުރުފަހު 2:00 އަށެވެ. ނަމަވެސް، އެ ވަގުތު ހަމަވިއިރު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން މިހާރު ވަނީ އެ މުއްދަތު މި މަހުގެ 26 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވެ، އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރުމަށް ހުޅުވާލާފައި މިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން ރިޓަޔަކުރެއްވުމާ ގުޅިގެންނެވެ. ނަވީން ރިޓަޔަރ ކުރެއްވުމުން، މިވަގުތު ފުލުހުންގެ އިދާރާ ހިންގުމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލުކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާގޮތުން، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރަންވާނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިންނެވެ. މި މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ، މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޕޮލިސް ބޯޑުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަރުވާ ލަފާގެ މަތިންނެވެ.





