ކުޅުދުއްފުށީގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން، މުޅި ރަށަށް ބޭނުންވާ ވަރަށް ފެން އުފެއްދުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހު ފެށޭނެ ކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހާމަކޮށްފިއެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ސޯޝަލް މީޑިއާގައި ވިދާޅުވީ، ކުޅުދުއްފުށީގެ ފެނުގެ ނިޒާމު އެއްކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު ކަމަށެވެ. އަދި މިހާރު އެ މަސައްކަތްތައް އެއްކޮށް ނިމި، ނިޒާމު ޓެސްޓުކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަޕާނުގެ ކެނެޑޭވިއާ ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން ވަނީ ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދޭނެ އާރްއޯ ޕްލާންޓަކާއި، 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއްގެ އިތުރުން 1450 ކިލޯވޮޓް އަވަރގެ ބެޓެރީ ސިސްޓަމެއް ޤާއިމުކޮށްފައެވެ. މި މަޝްރޫޢުގެ ޚަރަދުގެ 27 އިންސައްތައަކީ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަން (ޖީއީސީ) ގެ ހިލޭ އެހީއެވެ.
އެމްޑަބްލިޔުއެސްސީން ފާހަގަކުރި ގޮތުގައި، މި ނިޒާމާއެކު ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހަކަތައިގެ 100 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުވެގެންދާނެއެވެ. މީގެ ސަބަބުން ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަވެ، ތެޔޮ އިމްޕޯޓް ކުރުމަށް ކުރާ ޚަރަދު ކުޑަވެގެންދާނެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަނެ، ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އަސާސީ ޚިދުމަތްތައް ކަށަވަރު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން، މިއީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްވެސް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.





