ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ފޮހެލުމަށް ޔަހޫދީ ދައުލަތުން ނިޒާމީ ގޮތެއްގައި ލާއިންސާނީ ޖަރީމާތައް ހިންގަމުން ދަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ދޫކޮށްފައިވާ ”ހުއްދައެއްގެ“ ދަށުން ކަމަށް ތުހުމަތު ކުރައްވައި، އދ. އިން ފަލަސްޠީނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ ރަޕޯޓަރ ފްރަންޗެސްކާ އަލްބެނޭޒޭ ޔަހޫދީންނަށް ވަރުގަދަ ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވައިފިއެވެ.
އަލްބެނޭޒޭ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ، ”ޓޯޗަރ އެންޑް ޖެނޮސައިޑް“ (އަނިޔާކުރުމާއި ނަސްލު ނައްތައިލުމުގެ ޤަތުލުޢާންމު) ގެ ނަމުގައި އދގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހަށް ރިޕޯޓެއް ހުށަހަޅުއްވަމުންނެވެ. އެ ރިޕޯޓުގައި އަލްބެނޭޒޭ ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީން ދެމުންދާ އަނިޔާތަކަކީ ވަކިވަކި ހާދިސާތަކެއް ނޫން ކަމަށާއި، އެއީ ޔަހޫދީ ދައުލަތުގެ ސިޔާސަތެއްގެ ތެރެއިން ރޭވިގެން ހިންގާ ”ނިޒާމީ އަނިޔާވެރިކަމެއް“ ކަމަށެވެ.
2023 އޮކްޓޫބަރު 7 އިން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 72,263 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް، 171,944 މީހުން ވަނީ ޒަޚަމުކޮށްލާފައެވެ. މީގެ އިތުރުން، ޔަހޫދީންގެ އިސްތިޢުމާރީ ބާރުން އަތްގަދަކޮށްފައިވާ ހުޅަނގު އައްސޭރިން 18,500 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި 1,500 ކުޑަކުދިން ހިމެނެއެވެ. މިހާރުވެސް 9,000 މީހުން ޔަހޫދީންގެ ޖަލުތަކުގެ ކަނު އަނދިރީގައި ތިބިއިރު، 4,000 އަށްވުރެ ގިނަ މީހުން ވަނީ ވަގަށް ނަގައި ގެއްލުވައިލާފައެވެ.
އަލްބެނޭޒޭގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޖިންސީ ގޯނާއާއި، ރޭޕްކުރުމާއި، އަދި ނިޒާމީ ގޮތެއްގައި ބަނޑަށް ޖެއްސުމަކީ ފަލަސްޠީނުގެ އިންސާނީ ވަންތަކަން ފޮހެލުމަށް ޔަހޫދީން ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ލާއިންސާނީ ހަތިޔާރުތަކެކެވެ. މި ޖަރީމާތަކާ ގުޅިގެން، ޔަހޫދީ ދައުލަތުގެ ހައްދުފަހަނަ އެޅި ތިން ވަޒީރަކު ހައްޔަރު ކުރުމުގެ އަމުރު ނެރެދިނުމަށް ވެސް އޭނާ ވަނީ ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓަށް (އައިސީސީ) ގޮވައިލައްވާފައެވެ.
ބައިނަލްއަޤުވާމީ މުޖުތަމަޢުން ޔަހޫދީންގެ މި ޖަރީމާތަކަށް ދެމުންދާ ”ހިމޭން ރުހުމަކީ“، ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ އަގު ވައްޓައިލައި، އިސްތިޢުމާރީ އަނިޔާވެރިކަން ދެމެހެއްޓުމަށް ހުޅުވައިދެވޭ ދޮރެއްގެ ގޮތުގައި އަލްބެނޭޒޭ ސިފަކުރެއްވިއެވެ. އަދި ޔަހޫދީންގެ އަނިޔާވެރިކަން ހުއްޓުވުމުގައި ލަސްވާ ކޮންމެ ވަގުތަކީ ފަލަސްޠީނުގެ ބިންތަކުން އިންސާނިއްޔަތުކަން ފޮހެވި، ބަދަލު ނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތައް ލިބިގެންދާ ވަގުތެއް ކަން އޭނާ ވަނީ ހިތާމައާއެކު ފާހަގަކުރައްވާފައެވެ.





