އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަބާރު، ލިވަޕޫލްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު ސަލާހް، މި ސީޒަން ނިމުމުން އެ ކްލަބް ދޫކޮށްލާނެކަން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
މިސްރުގެ ކެޕްޓަން ސަލާހް މިކަން ހާމަކުރީ ސޯޝަލް މީޑިއާގައި އާންމުކުރި އަސަރުގަދަ ވީޑިއޯ މެސެޖެއް މެދުވެރިކޮށެވެ. އޭނާ ބުނި ގޮތުގައި، މި ދުވަސް އަންނާނެ ކަމަކަށް އޭނާ ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ.
”މިއީ އަހަރެންގެ އަލްވަދާއީ މެސެޖުގެ ފުރަތަމަ ބައި. މި ސީޒަން ނިމުމުން އަހަރެން ލިވަޕޫލް ދޫކޮށްލާނަން،“ އޭނާގެ ވީޑިއޯގައި ބުންޏެވެ.
ސަލާހް އިތުރަށް ބުނީ ލިވަޕޫލަކީ ހަމައެކަނި ފުޓްބޯޅަ ކްލަބެއް ނޫން ކަމަށާއި، އެއީ އޭނާގެ ދިރިއުޅުމުގެ ބޮޑު ބައެއް ކަމަށެވެ.
އިޓަލީގެ ރޯމާއިން 2017 ވަނަ އަހަރު ލިވަޕޫލާ ގުޅުނު ސަލާހް ވަނީ އެ ކްލަބުގައި ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި އެ ކްލަބްގެ ގިނަ ކާމިޔާބުތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އެ ކްލަބަށް އޭނާ ވަނީ މިހާތަނަށް ކުޅުނު 435 މެޗުން 255 ގޯލު ޖަހައިދީފައެވެ. ލިވަޕޫލަށް ޕްރެމިއާ ލީގާއި، ޗެމްޕިއަންސް ލީގު އަދި އެހެނިހެން ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ސަލާހަކީ މި ފަހުގެ އަހަރުތަކުގައި ޕްރިމިއާ ލީގުން ފެނުނު އެންމެ ހުނަރުވެރި އެއް ފޯވާޑެވެ.
ސަލާހް ކްލަބް ދޫކޮށްލާކަން ލިވަޕޫލުން ވެސް މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަލާހް ކްލަބް ދޫކޮށްލަން ނިންމީ ދެފަރާތް އެއްބަސްވެގެން ކަމަށެވެ. އަދި އޭނާ ކްލަބަށް ކޮށްދިން މަތިވެރި ހިދުމަތްތަކުގެ އަގު ވަޒަންކުރާ ކަމަށް ވެސް ލިވަޕޫލުން ބުންޏެވެ.
ލިވަޕޫލްގައި ސަލާހް ހޭދަކުރި މުއްދަތުގެ ތެރެއިން، މި ސީޒަނަކީ އޭނާއަށާއި އެ ކްލަބަށް ވެސް އެންމެ އުނދަގޫ ސީޒަނެވެ. ހާއްސަކޮށް ކޯޗު އާނެ ސްލޮޓް އާއި ސަލާހްގެ ގުޅުން ގޯސްވެގެން ދިޔުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. މީގެ ކުރިން ޖެނުއަރީ ޓްރާންސްފާ ޕީރިއަޑްގައި ވެސް އޭނާ ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވުނު ނަމަވެސް، އޭނާ ނިންމީ ސީޒަން ނިމެންދެން މަޑުކުރުމަށެވެ.
އަންނަ ސީޒަނުގައި ސަލާހް ގުޅޭނީ ކޮން ކްލަބަކާ ކަމެއް އަދި ރަސްމީކޮށް ކަށަވަރެއް ނުވެއެވެ. ނަމަވެސް ސައުދީ ޕްރޯ ލީގުގެ ކްލަބުތަކުން އޭނާ ހޯދުމަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ ކުޅިވަރު ޚަބަރުތައް ބުނެއެވެ.





