އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤުވާމީ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ މަގުކަމަށްވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ އައު އުސޫލުތަކެއް އީރާނުން އިޢުލާންކޮށްފިއެވެ.
އީރާނުން އެކުވެރި ދައުލަތްތަކާއި (އދ) އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް ފޮނުވި ރަސްމީ ނޯޓެއްގައި ބުނެފައިވަނީ، އީރާނުގެ ކަމާބެބެހޭ އިދާރާތަކާ ގުޅިގެން ”ދުޝްމަނުން ނޫން“ ޤައުމުތަކުގެ އުޅަނދުފަހަރަށް އެ ސަރަޙައްދުން އަމާންކަމާއެކު ދަތުރުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. ދުޝްމަނުންގެ ގޮތުގައި އީރާނުން ކަނޑައަޅާފައިވަނީ އެ ޤައުމާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާ އެމެރިކާއާއި ޔަހޫދީންނެވެ.
މި ނިންމުމަކީ ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އީރާނުން އެޅި ހަރުދަނާ ފިޔަވަޅެކެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން އދގެ ސަލާމަތީ މަޖިލީހަށާއި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝަށް ފޮނުވި މި ނޯޓު، އިނގިރޭސިވިލާތުގައި ހުންނަ އދގެ ކަނޑު ދަތުރުފަތުރާ ބެހޭ އިދާރާގެ 176 މެންބަރު ޤައުމާ ވެސް ވަނީ ހިއްސާކޮށްފައެވެ.
އީރާނުގެ ބަޔާނުގައި ބުނެފައިވަނީ، އެ ޤައުމާ ދެކޮޅަށް ހިންގާ ޢުދުވާނީ އަމަލުތަކުގައި ބައިވެރިނުވާ އަދި އެ ފަދަ ކަންކަމަށް އެހީތެރިނުވާ ދައުލަތްތަކަށް ނިސްބަތްވާ އުޅަނދުފަހަރަށް، އީރާނުން ކަނޑައަޅާފައިވާ ސަލާމަތީ އުސޫލުތަކަށް ފުރިހަމައަށް ބޯލަނބާނަމަ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ލިބޭނެ ކަމަށެވެ.
ނަމަވެސް، މި ހުއްދައިގެ ތެރެއިން އެމެރިކާއާއި ޔަހޫދީން ވަނީ އިސްތިސްނާކޮށްފައެވެ. އީރާނުން ބުނީ، އެ ޤައުމާ ދެކޮޅަށް ޢުދުވާން ހިންގާ ފަރާތްތަކަށް ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމުގެ އެއްވެސް ޙައްޤެއް ނޯންނާނެ ކަމަށެވެ. އަދި އެމެރިކާ ނުވަތަ ޔަހޫދީންނަށް ނިސްބަތްވާ، ނުވަތަ އެ މީހުންގެ ޢުދުވާނުގައި ބައިވެރިވާ އެއްވެސް އުޅަނދަކީ ”އަމާން ދަތުރުވެރިއެއްގެ“ ދަރަޖަ ލިބިގެންވާ ފަރާތްތަކެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.





