ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އެކުލަވާލާ ޚާއްސަ ޕްލޭނެއް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހުށަހަޅުއްވާނެ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ޚަރަދުތައް ކުޑަކުރެވޭނެ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ބަޖެޓު އެކުލަވާލިއިރު ބަޖެޓު ޑެފިސިޓް (އާމްދަނީއާއި ޚަރަދުގެ ފަރަޤު) މިދިޔަ 5 އަހަރާ އަޅާބަލާއިރު ކުޑަކުރެވިފައިވެއެވެ. ނަމަވެސް، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން، ކުރިން 6 ބިލިއަން ރުފިޔާގައި ހުރި ބަޖެޓު ޑެފިސިޓް 8 ބިލިއަނަށް އަރާނެ ކަމަށް މިހާރު އަންދާޒާ ކުރެވެއެވެ.
ސަރުކާރުން އެކުލަވާލާ ޚަރަދު ކުޑަކުރުމުގެ ޕްލޭނާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އޭގެ ތެރޭގައި ރިކަރަންޓް ޚަރަދުތައް ހިފެހެއްޓުމާއި، އައު ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލުމާއި، އަދި އިތުރަށް ޚަރަދު ކުޑަކުރެވޭނެ ކަންކަން ހިމެނޭ ކަމަށެވެ.
”އަޅުގަނޑުމެން ޓީމު އެބަ މަސައްކަތް ކުރޭ ސޭވް ކުރެވޭނެ ގޮތަށް ރިކަރެންޓް ބައެއް އެކްސެޕެންސެސްތައް ކޮންޓެއިން ކުރުމާއި، ބަޖެޓުތެރެއިން މިހުންނަށް ކަންތައް މިސާލަކަށް ހަޔަރިންއާއި، ދެން ހުރި ބައެއް ކަންތައްތަކުގައި، އަޅުގަނޑު އެބައޮތް ލިސްޓެއް ހަދާފައި ރައީސް އަރިހަށް ގެންދަން އަޅުގަނޑުމެން ބޭނުންވެއޭ މިވެނި ކަންކަމަށް ބަދަލު ގެންނަން. އެހެންވީމަ ރައީސްގެ ލަފަޔާއެކު ބަދަލު ގެންނައިރު ވަކި އަދަދަކަށް ސޭވް ވާނެ،“ ވަޒީރު ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ ފަރާތުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މިވަގުތަށް ހުއްޓާލާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި ބޭރުގެ ބައްދަލުވުންތަކުގައި އޮންލައިންކޮށް ބައިވެރިވުމަށް އިދާރާތަކަށް މަޝްވަރާ ދެއްވާފައިވާ ކަމަށާއި، ނަމަވެސް ޚާރިޖީ ވަޒީރު ކުރައްވާ ރަސްމީ ދަތުރުފުޅުތައް މީގެ ތެރޭގައި ނުހިމެނޭނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާއިރުވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާއާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ދޭންޖެހޭ އެއްވެސް އަސާސީ ޚިދުމަތަކަށް މިކަމުގެ ސަބަބުން ބުރޫނާރާނެ ގޮތަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.





