ސަރުކާރުން އަލަށް ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ހާމަވެއްޖެއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ޖުމުލަ 9،645 ފޯމު ވަނީ އެކި ސްކީމްތަކަށް ހުށައަޅާފައެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކުރިމަތިލާފައިވަނީ ފްލެޓަށް އެދިއެވެ. އެގޮތުން ފްލެޓަށް އެދި 5،993 މީހުން ފޯމު ހުށައަޅާފައިވާއިރު، ގޯއްޗަށް އެދި 3،234 މީހުން ވަނީ ފޯމު ހުށައަޅާފައެވެ. ސަރުކާރުގެ ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމަށް އެކަނިވެސް 9،227 ފޯމު ލިބިފައިވެއެވެ.
މީގެ އިތުރުން، ދެމަފިރިންގެ ތެރެއިން އެކަކުގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައިވާ ”ގޯތި ގެދޮރު“ ޕްރޮގްރާމަށް 418 ފޯމު ހުށައަޅާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ފޯމު ހުށައެޅުމުގެ މަރުހަލާގައި (ޑްރާފްޓް މަރުހަލާގައި) 13،279 ފޯމު މިހާރުވެސް ހުރިކަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުތަކުގެ ތެރެއިން، އަންނަ އޭޕްރިލް މަހުގެ 1 ވަނަ ދުވަހު އިތުރު ދެ ޕްރޮގްރާމަކަށް ފުރުޞަތު ހުޅުވާލާނެއެވެ. އެއީ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ހިމެނޭ ”ގެދޮރުވެރިޔާ“ ޕްރޮގްރާމްގެ ދެ ކެޓަގަރީއަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީއެވެ.
ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ފުރުޞަތު ދެވޭނީ ނިމުނު ސަރުކާރުގެ ސްކީމްގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން ވަކިން ގޯތި ބޭނުންވާ އާއިލާތަކަށާއި، އަސާސީ ބޯހިޔާވަހިކަމުގެ ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށެވެ.
މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށްވެސް ކުރިމަތިލެވޭ މި ސްކީމްތަކުގެ މުއްދަތު ހަމަވާނީ އޭޕްރިލް މަހުގެ ނިޔަލަށެވެ. ފޯމު ހުށައެޅުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވަނީ ”ބޯހިޔާވަހިކަން“ ހައުސިންގ ޕޯޓަލް މެދުވެރިކޮށެވެ.





