ކުރީގެ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުޙައްމަދަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަޒީފާއެއް ހަމަޖައްސައިދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކާ ގުޅިގެން، އޭނާއަށް ބޮޑެތި ފުރައްސާރަތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ނިއުމާ މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލާގައި އޭނާއަށް 1500 އަށްވުރެ ގިނަ ކޯލާއި 400 އަށްވުރެ ގިނަ މެސެޖު ވަނީ ލިބިފައެވެ. މިކަމުގެ ސަބަބުން އޭނާއަށް އިންތިހާއަށް އުނދަގޫތަކާ ކުރިމަތިވެ، އެންމެ ފަހުން އޭނާ ބޭނުންކުރަމުން އައި ފޯނު ނަންބަރުގެ ޚިދުމަތްވެސް ކަނޑާލަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
ނިއުމާ ތުހުމަތުކުރާ ގޮތުގައި އޭނާއާ ބެހޭގޮތުން މިފަދަ ދޮގު ޚަބަރެއް ފަތުރާފައިވަނީ އެމްޓީސީސީގެ މުވައްޒަފެކެވެ. އެހެންކަމުން، މިކަމުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމާއި ސޯޝަލް މީޑިއާގައި މީހުން އޭނާއަށް ރައްދުކުރަމުންދާ ހަޑިހުތުރު ބަސްތަކުގެ ޒިންމާ އެމްޓީސީސީގެ އިސްވެރިން ނަގަން ޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.
”އެމްޓީސީސީގެ އެމްޕްލޯއީއަކާ ހެދި މަށަށް މިވީ ގެއްލުމާ މީހުން ސޯޝަލް މީޑިއާ މިކިޔާ ހަޑި ހުތުރު އެއްޗެހީގެ ޒިންމާ އެމްޓީސީސީގެ ބޮޑުން އެބަޖެހޭ ނަގަން. އިއްޔެއިން ފެށިގެން މިވަގުތާ ހަމައަށް 1500 އަށްވުރެ ގިނަ ކޯލު ލިބި 400 އަށްވުރެ ގިނަ މެސެޖު ވަނީ ލިބިފަ. އެންމެ ފަހުން ނަންބަރުގެ ޚިދުމަތްވެސް ޖެހުނީ ކަނޑާލަން،“ ނިއުމާގެ ޕޯސްޓުގައި ލިޔެފައިވެއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ނިއުމާއަށް މަސައްކަތަށް ނުގޮސް 40,000 ރުފިޔާގެ މުސާރައެއް ލިބޭ ވަޒީފާއެއް ހަމަޖައްސާފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިކަމަށް ރައްދުދެމުން ނިއުމާ ބުނީ، އެއްވެސް ހަގީގަތެއް ނުބަލައި މީހުން ވާހަކަދައްކަމުންދާ ކަމަށާއި، އޭނާއަށް އެފަދަ މުސާރައެއް ލިބޭ ވަޒީފާއެއް ނުލިބޭ ކަމަށެވެ. އަދި އެވަރުގެ މުސާރައެއް ދީފައި ގޭގައި ބަހައްޓާނެ ނަމަ ކިހާ ރަނގަޅުވީސްތޯވެސް އޭނާ ސުވާލު އުފައްދާފައިވެއެވެ.
ސަރުކާރުގެ ކުންފުނިތަކުން ސިޔާސީ ނުފޫޒުން ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ދޭކަމުގެ ތުހުމަތުތަކަކީ އާންމުކޮށް ފެންމަތިވާ މައްސަލައަކަށް ވީނަމަވެސް، ނިއުމާގެ މި ތުހުމަތުތަކާ ގުޅިގެން އެމްޓީސީސީގެ ފަރާތުން މިހާތަނަށް ރަސްމީ އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ.





