މިއަހަރުގެ ޖަނަވަރީ މަހު ސިނަމާތަކުގައި ރިލީޒްކޮށް ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ ރާނީ މުކަރުޖީގެ ފިލްމު ”މަރުދާނީ 3“ މަޝްހޫރު އޯޓީޓީ ޕްލެޓްފޯމް ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ.
މިދިޔަ އަހަރުގެ ނެޝަނަލް އެވޯޑު ކާމިޔާބުކުރި ހުނަރުވެރި ބަތަލާ ރާނީ، ޖެހިލުންކުޑަ ފުލުހެއްގެ ރޯލުން ފެންނަ މި ފިލްމަކީ އޭނާގެ ފިރިމީހާ އަދިތިޔަ ޗޯޕްރާގެ ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ އުފެއްދުމެކެވެ. އަބިރާޖް މިނަވާލާ ޑައިރެކްޓްކޮށް، އަދިތިޔަ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ ”މަރުދާނީ 3“ އަކީ ވައިއާރްއެފްގެ އެންމެ ކާމިޔާބު ފްރެންޗައިސްގެ ތިންވަނަ ފިލްމެވެ.
މި ފިލްމު ނެޓްފްލިކްސްއަށް އަންނަކަން އިއުލާނުކުރިއިރު، މިއީ ކްރިޓިކުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ފިލްމެކެވެ. ފިލްމު ރިވިއުކުރި ގިނަ ފަރާތްތަކުން ވަނީ މި ފިލްމަށް ހަ ތަރީގެ ރޭޓިންގްއެއް ދީފައެވެ.
ބޮކްސް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 60 ކްރޯޑު އިންޑިއާ ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ސިނަމާތަކުން ވަނީ ޖުމްލަ 78.17 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ. އެހެންކަމުން މިއީ ވައިއާރްއެފްއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މީގެ އިތުރުން ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސެޓެލައިޓް ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީއާއެކު، ފިލްމަށް ކުރި ޚަރަދު ފޫބެދި ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ބޮލީވުޑްގެ ރިޕޯޓުތައް ބުނެއެވެ.
”މަރުދާނީ“ ފްރެންޗައިސްއަކީ އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގްއާ ގުޅުންހުރި ސީރިއަސް މައްސަލަތަކަށް ބިނާކޮށް އުފައްދާ ފިލްމުތަކެކެވެ. މި ފަހަރުގެ ފިލްމުގައި ރާނީ ކުޅޭ ’ޝިވާނީ ޝިވާޖީ ރޯއި‘ ގެ ކެރެކްޓާ މަސައްކަތް ކުރަނީ އިންޑިއާގެ އެކި ސަރަހައްދުތަކުން ގެއްލިފައިވާ 93 ކުޑަ އަންހެންކުދިން ހޯދުމަށެވެ.
”މަރުދާނީ 3“ އަށް ފަހު، ރާނީ މުކަރުޖީ ދެން އެންމެ އަވަހަށް ފެންނާނީ މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރާ ޝާހްރުކް ޚާންގެ ފިލްމު ”ކިންގް“ އިންނެވެ.





