ޣައްޒާއާއި ލުބްނާނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ބޭނުންކުރަމުންދާ ނުރައްކާތެރި ކެމިކަލް ހަތިޔާރެއް ކަމަށްވާ ވައިޓް ފޮސްފެރަސް ބޮން އުފައްދާ ކާރުޚާނާއަށް އީރާނުން އިއްޔެ ވަރުގަދަ ހަމަލާތަކެއް ދީ އެތަން ގޮއްވާލައިފިއެވެ.
އެމެރިކާގެ ”ޑްރޮޕްސައިޓް ނިއުސް“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ މެދުތެރޭގައިވާ ނަގަބް ސަހަރާގައި ހުންނަ މި ކާރުޚާނާއަށް އީރާނުން ހަމަލާދީފައިވަނީ ކްލަސްޓާ މިސައިލެއް ބޭނުންކޮށްގެންނެވެ. މި މިސައިލް ސީދާ އެ ކާރުޚާނާއަށް އަމާޒުވުމުގެ ސަބަބުން އެތަނުން ބޮޑެތި ގޮވުންތަކެއް ގޮވައި، މުޅި ސަރަޙައްދު ބޯ ދުންތަކުން ފޮރުވިގެން ދިޔަ މަންޒަރު ފެނިފައިވާ ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް، އިސްރާއީލުގެ ސިފައިން މިހާތަނަށް ވަނީ އެ ކާރުޚާނާއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ހާމަކުރުމަށް ފަސްޖެހިފައެވެ.
މިއީ މި ކާރުޚާނާއަށް އަމާޒުކޮށް އީރާނުން ދިން ފުރަތަމަ ހަމަލާއެއް ނޫނެވެ. މީގެކުރިންވެސް އެތައް ފަހަރަކު ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން އެތަނަށް ހަމަލާދީފައިވެއެވެ. ކުރީގެ ހަމަލާތައް ދިފާއުކުރުމުގައި އިސްރާއީލަށް ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިބުނު ނަމަވެސް، އިއްޔެގެ ހަމަލާއާއެކު މުޅި ކާރުޚާނާގައި އަލިފާން ހިފާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ވައިޓް ފޮސްފެރަސް ބޮމަކީ ބައިނަލްއަގްވާމީ ގޮތުން ހަނގުރާމަތަކުގައި ބޭނުންކުރުން މަނާކޮށްފައިވާ ނުރައްކާތެރި ހަތިޔާރެކެވެ. މި ހަތިޔާރުން ހަމަލާދިނުމުން، އޭގައި ހިމެނޭ ކެމިކަލްތަކުގެ ސަބަބުން ޖެހޭ ކޮންމެ ތަނެއްގައި އަލިފާން ރޯވެ، އިންސާނުންގެ ހަށިގަނޑުގެ ދިރުންވާ ކޮންމެ ޓީޝޫއެއް ފިއްސާލައެވެ. އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި މި ހަތިޔާރު ބޭނުންކުރަމުންދާއިރު، ފަހަކަށް އައިސް ލުބްނާނާ ދެކޮޅަށް ހިންގާ އުދުވާނުގައިވެސް މި ބޮން ބޭނުންކުރާކަން ވަނީ ހާމަވެފައެވެ. މި މައްސަލަ ލުބްނާނުގެ ސަރުކާރުން މިހާރު ވަނީ އދ. އަށް ވެސް ހުށަހަޅާފައެވެ.
އިސްރާއީލުން ބޭނުންކުރާ މި ނުރައްކާތެރި ކެމިކަލްގެ ސަބަބުން ފަލަސްތީނާއި ލުބްނާނުގެ އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ބައެއްގެ މޫނާއި ހަންގަނޑު ފިހި، އައިބުވެފައިވެއެވެ. އީރާނުން ދިން މި ހަމަލާގައި އިސްރާއީލުގެ މި ފެކްޓްރީ ހަލާކުކޮށްލިކަން ފަލަސްތީނާއި ލުބްނާނުގެ މީޑިއާތަކުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރަކު ވިދާޅުވި ގޮތުގައި، ނަގަބްގައި ހުންނަ މި ފެކްޓްރީއަށް ދިން ހަމަލާއަކީ އިސްރާއީލުގެ ހަތިޔާރު އުފައްދާ ސިނާއަތް ހަލާކުކޮށްލުމަށް ފަށާފައިވާ ހާއްސަ އޮޕަރޭޝަނެއްގެ ބައެކެވެ. މީގެކުރިންވެސް އީރާނުން ވަނީ އިސްރާއީލުގެ ހަތިޔާރު އުފައްދާ އެކި ކާރުޚާނާތަކަށާއި، އެންމެ ބޮޑު ހަތަރު ވައިގެ ބޭހަށް ހަމަލާދީފައެވެ. އަދި މިދިޔަ ހަފްތާގައި އިސްރާއީލުގެ މައި ނިއުކްލިއާ މަރުކަޒު ކައިރިއަށްވެސް ވަރުގަދަ ހަމަލާތަކެއްދީ، ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ފާހަގަކުރެވެއެވެ.





