ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕު ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ނޭޕާލާއި އެއްވަރުވެ، ދިވެހިރާއްޖެ މުބާރާތުން ކަޓައިފިއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި، 2000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މިއީ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް ރާއްޖެއަށް މޮޅުވުން މަޖުބޫރު މެޗެކެވެ.
ވަރަށް ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ ޓީމުން ފެނިގެންދިޔައީ ވަރަށް ރޭވުންތެރިކަމާއެކު، ވަކި ސިސްޓަމެއްގެ ތެރެއިން ކުރިއަށް ޖެހި ހަމަލާތައް އުފައްދަމުންދިޔަ ޓީމެއްގެ ގޮތުގައެވެ. އެޓޭކިން ވިސްނުމެއްގައި މެޗު ފެށި ރާއްޖެއިން ވަނީ ތިންވަނަ މިނެޓުގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ކޯނަރަކުން ތަނަވަސްވި މި ފުރުސަތުގައި ނާޝިއު އަޙްމަދު ޝިހާމް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ނޭޕާލް ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ރާއްޖެއިން ލަނޑުޖަހައި ލީޑުނެގިއެވެ. މި ލަނޑަކީ ރާއްޖޭގެ ހާފު ތެރޭގައި ހުރެފައި އީތަން އިބްރާޙީމް ޒަކީ، މަތިމަތިން ފޮނުވާލި ތުރޫ ޕާހަކުން ތަނަވަސްވި ފުރުސަތެއްގައި، ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކެޕްޓަން މުޙައްމަދު އިލާން އިމްރާން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފުގައި ރާއްޖެއަށް އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް އިތުރު ލަނޑެއް ނުޖެހުނެވެ.
ދެވަނަ ހާފުގެ ފުރަތަމަ 20 މިނެޓުގައި ނޭޕާލުން ކުޅުން ވަރުގަދަކުރިއެވެ. ރާއްޖެއިން ޑިފެންސިވް ގޭމެއް ކުޅެމުން ދިޔަ ނަމަވެސް، މަޑުމަޑުން ކުރިއަށް ޖެހި ހަމަލާތައް އުފެއްދިއެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އަޔާން އާމިރު ނަގައިދިން ހުރަހަކުން ކެޕްޓަން އިލާން ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ، ނޭޕާލްގެ ކީޕަރު ބަހާދުރު ޕަރިޔާރު ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ނަތީޖާ ނޭޕާލުން ހަމަހަމަކުރީ 86 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން ސުބާޝް ބަމް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިޝާން ރާޖް ލަވަތުއެވެ.
މި ނަތީޖާއާއެކު ރާއްޖެއަށް މުބާރާތް ނިމުނީ ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކުގައެވެ. ނޭޕާލަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސްރީ ލަންކާއަށް ތިން ޕޮއިންޓް ލިބިފައިވެއެވެ. ތާވަލުގެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު ބޫޓާނެވެ. ގުރޫޕުގެ ފަހު މެޗުގައި މިރޭ ބޫޓާނާއި ސްރީ ލަންކާ ބައްދަލުކުރާއިރު، އެ މެޗު އެއްވަރުކޮށްލައިގެން ވެސް ލަންކާއަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ.





