ނޭޕާލްގައި މި މަހު ބޭއްވި އާންމު އިންތިހާބު ކާމިޔާބު ކުރެއްވި އެ ގައުމުގެ އާ ބޮޑުވަޒީރު ބަލެންދުރަ ޝާހް، މިއަދު މަގާމުގެ ރަސްމީ ހުވާ ކުރައްވައިފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގައުމު ހިންގެވުމުގެ މަތިވެރި މަސްއޫލިއްޔަތާ ރަސްމީކޮށް ހަވާލުވެވަޑައިގަތް އިރު، އުމުރުން އެންމެ 35 އަހަރުގެ ޝާހް ވެވަޑައިގެންފައިވަނީ ނޭޕާލްގެ ތާރީޚުގައި ވެސް އެ މަގާމަށް އިސްވި އެންމެ ޒުވާން ބޮޑުވަޒީރަށެވެ. ބަލެންދުރަ ޝާހް އަކީ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން އާންމުންގެ ތެރޭގައި މަޝްހޫރު ރެޕް މިއުޒިކް ކުޅޭ ފަންނާނެކެވެ.
މި މަހުގެ 5 ވަނަ ދުވަހު ނޭޕާލްގައި ބޭއްވި އާންމު އިންތިހާބު ޝާހްގެ ޕާޓީ ކަމަށްވާ ރަސްތުރިއާ ސުވަންތަރާ ޕާޓީ (އާރްއެސްޕީ) އިން ކާމިޔާބުކުރީ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިގެންނެވެ. އެގޮތުން މަޖިލީހުގެ ޖުމްލަ 275 ގޮނޑީގެ ތެރެއިން 182 ގޮނޑި އެ ޕާޓީން ވަނީ ކާމިޔާބުކޮށްފަ އެވެ.
ނޭޕާލްގެ މި އިންތިހާބަކީ އެ ގައުމުގެ ކުރީގެ ސަރުކާރާ ދެކޮޅަށް ޒުވާނުން ނުކުމެ ބޭއްވި ވަރުގަދަ މުޒާހަރާތަކަށް ފަހު ބޭއްވުނު، ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓުނު އިންތިހާބެކެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޝާހްގެ މި ކާމިޔާބީއަކީ ގައުމުގެ ސިޔާސީ މަސްރަހަށް ޒުވާނުން ގެންނަން ބޭނުންވި ބޮޑު ބަދަލުގެ ނަތީޖާއެވެ.





